ދަ ޑިމޮކްރެޓްސްގެ ނަމާއި ކުލަ އަދި ލޯގާ މިރޭ ފާސްކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފައްދާ ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ގިޔާސުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީގެ ނަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި 481 މެމްބަރުންގެ ވޯޓުން، އިއްތިފާގުންނެވެ. ކުލަ އަދި ލޯގޯ ފާސްކޮށްފައިވަނީ 473 މެމްބަރުންގެ ވޯޓުންނެވެ. ކުލައާއި ލޯގާ ފާސްކުރުމާ ދެކޮޅަށް ވޯޓު ދިނީ ހަތް މެމްބަރެކެވެ.
އެ ޕާޓީގެ ކުލަތަކަކީ ބޭބީ ބްލޫ، ކަޅު އަދި ހުދެވެ. ޕާޓީގެ ލޯގާއަކީ މުރަކަ އަދި ދިވެހި ރުއްގަސް ބަލައިގެން ފަރުމާކޮށްފައިވާ އޭސްޓްރިސްކްއެވެ.
ދަ ޑިމޮކްރެޓްސް ދިދަ، ސްޓޭމްޕު އަދި އޮފީސް އެޑްރެސް ފާސްވެފައިވަނީ 468 މެމްބަރުންގެ ވޯޓުންނެވެ. ދަ ޑިމޮކްރެޓްސްގެ އޮފީހުގެ އިދާރާއަކީ ހ. މައިޒާންދޮށުގެ 10 ވަނަ ފަންގިފިލާއެވެ.
އެ ޖަލްސާގައި އެ ޕާޓީގެ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ. އަސާސީ ގަވާއިދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 433 މެމްބަރުންގެ އިއްތިފާގުންނެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު