އަމީނީ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން އެ މަގުގެ ޓްރެފިކް ތޮއްޖެހި، ހިނގާބިނގާވާ މީހުން އަދި ދުއްވާ އުޅަނދުފަހަރަށް ދަތިވާ ކަމަށެވެ.

"އެހެންކަމުން 2023 ޖުލައި 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

އަމީނީ މަގުގެ މިހާރު ނިމިފައިވާ ހިސާބުގެ ދެ ފަރާތުގައި ހަތުރު ފުރޮޅުލީ އުޅުނދު ޕާކުކޮށްފައި ހުރެއެވެ. އެ އުޅަނދުތައް އެގޮތަށް ޕާކު ކޮށްފައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރެވޭ ސަރަހައްދު ހަނިވެ، ބައެއް ފަހަރު ޓްރެފިކް ތޮއްޖެހެއެވެ.

އަމީނީ މަގުގައި ޓްރެފިކް ތޮއްޖެހޭކަމުގެ ޝަކުވާ އާންމުން ވެސް ވަނީ ސޯޝަލް މީޑިއާގައި ކޮށްފައެވެ.

މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ފުލުހުން ދަނީ މިހާރު ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ.