ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްގަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެކަހެރިކޮށްވެސް، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވާ ކަމަށް، ހައިކޯޓުގައި ދައުލަތުން މިއަދު ބުނެފިއެވެ.
އާރަށު މައްސަލައިގައި ކްރިިމިނަލް ކޯޓުން ކުރި ދެ ހުކުމެއް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އެއީ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލައެވެ. ހައިކޯޓުގައި މި ދެ މައްސަލައިގެ އިސްތިއުނާފު ކުރިއަށްގެންދަނީ އެކުއެކީގައެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ދަނީ، އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށްވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބު ހުށަހެޅުމެވެ.
ދިފާއުން ހުށަހެޅި ބައެެއް ނުކުތާތަކަށް ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވަނީ އެ ދެ މީހުންގެ ހެކިބަހާ ނުލައި، ރައީސް ޔާމީންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ދައުލަތުން ފާހަގަކުރާކަންކަން ވިދާޅުވެ ދެއްވައިފައެވެ.
އެގޮތުން ޝަފީއު ވިދާޅުވީ، ރައީސް ޔާމީން އަދީބަށް ގުޅައި ރަށްތައް ކުއްޔަށް ދިނުމާބެހޭ އެކިއެކި މުއާމަލާތްތަކާ ގުޅޭގޮތުން ވާހަކަދައްކާކަން އެހެން ހެކިތަކުން ސާބިތުވާ ކަމަށެވެ.
އޭގެ އިތުރުން "2014 ވަނަ އަހަރު އެމްއެމްޕީއާރުސީ ތެރޭގައި ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް އަދީބު އިސްވެހުރެ ފައިސާތަކެއް އަމިއްލަ ފަރާތްތަކެއްގެ އެކައުންޓުތަކަށް ޖަމާކުރަމުންދިޔަކަން ރައީސް ޔާމީންގެ ސަމާލުކަމަށް 2014 ވަނަ އަހަރު ގެނައިކަން ސާބިތުވޭ، 2015 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ހިނގަމުންދިޔައީ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް ނޫންކަން،" ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ޔޫސުފް ނައީމަކީ ރައީސް ޔާމީން ދަންނަ ރައްޓެއްސެއް، ނުވަތަ ވިޔަފާރީގެ ބައިވެރިއެއް، ނުވަތަ މަދަދުވެރިއެއްކަމާއި، އެ ދެ ބޭފުޅުންގެ ގުޅުން އޮންނަކަން ޔޫސުފް ނައީމުގެ ބަހުން ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދޭއް އޯގަސްޓް 2015 ގައި އީވައިސީން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލުކުރަން ނިންމިކަން ސާބިތުވޭ، ހައެއް އޯގަސްޓް 2015 ގައި ރައީސް ޔާމީން އެ ނިންމުން އެންޑޯޒްކުރިކަން ސާބިތުވޭ، ނުވައެއް އޯގަސްޓް 2015 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމަށް ރައީސް ވިދާޅުވި ކަމަށްބުނެ ދައުލަތުގެ ދެ އިދާރާއަކަށް ސިޓީ ފޮނުވިކަން ސާބިތުވޭ،"
މީގެ އިތުރުން ރައީސް ޔާމީނަށް ޔޫސުފް ނައީމު އެއް މިލިއަން ޑޮލަރު ދިންކަމާއި، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަކުގައި ދައުރު ކުރުވި ކަމަށް ސާބިތުވާ ގޮތްވެސް ޝަފީއު ވަނީ ވިދާޅުވެދެއްވައިފައެވެ.
"ފަންސަވީސް އޯގަސްޓްގައި އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަވާކަން ސާބިތުވޭ، އޭގެ ދެ ދުވަސްކުރިން 23 އޯގަސްޓްގައި ޔޫސުފް ނައީމުގެ ކުންފުނިން އާރަށް ބޭނުންވެގެން ޓޫރިޒަމް މިނިސްޓްރީއަށް ސިޓީ ލިޔެފައިވާކަން ސާބިތުވޭ، ނުވައެއް ސެޕްޓެމްބަރު 2015 ވަނަ ދުވަހު އަދީބާއި ޒިޔަތާއި ޔޫސުފް ނައީމް ބައްދަލުވިކަން، އަދި އާރަށް ޔޫސުފް ނައީމަށް ދިނުމާބެހޭ އެއްބަސްވުމެއްގައި 9 ސެޕްޓެމްބަރު 2015 ގައި ސޮއިކުރިކަންވެސް ސާބިތުވޭ، ހަމަ އެ ދުވަހު އެ މުއާމަލާތާ ގުޅިގެން ޔޫސުފް ނައީމަށް 9 ސެޕްޓެމްބަރު 2015 ގެ ތާރީހު ޖަހާފައިވާ އެއް މިލިޔަން ޑޮލަރުގެ ޗެކެއް ލިބުނުކަންވެސް ސާބިތުވޭ، އެ ފައިސާ 10 ސެޕްޓެމްބަރު 2015 ގައި ޔޫސުފް ނައީމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރުމަށް ހުށަހެޅި ކަމާއި، 15 ސެޕްޓެމްބަރުގައި އެ ފައިސާ އެ އެކައުންޓުގައި ރިޔަލައިޒް ވުމާއެކު ޖެހިގެން އައި ދުވަހު ރައީސް ޔާމީނަށް ހަމަ އެ ފައިސާ، އެއްކަލަ އެެއް މިލިޔަން ޑޮލަރު ޗެކަކުން ޔޫސުފް ނައީމު ދޫކުރިކަންވެސް ސާބިތުވޭ،"
ޝަފީއު ވިދާޅުވީ، އެ އެއް މިލިޔަން ޑޮލަރު ޖަމާކުރުމަަށްޓަކައި ރައީސް ޔާމީންގެ އިންއެކްޓިވް އެކައުންޓެއް، އެކްޓިވޭޓްކޮށްގެން އެޗްއެސްބީސީގެ އެކައުންޓަށް އެ އެއް މިލިޔަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާއާ ގުޅިގެން ޔޫސުފް ނައީމު ބޭންކް އޮފް މޯލްޑިވްސްއަށް ދިން މައުލޫމާތާއި ރައީސް ޔާމީން ހޮންކޮންގް އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަނަށް ދިން މައުލޫމާތާ ދިމާނުވާކަން ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފައިސާ ރައީސް ޔާމީންގެ އެޗްއެސްބީސީ އެކައުންޓަށް ޖަމާކޮށް، އެމަނިކުފާނުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ދައުރު ކުރުމަށްފަހު އިސްލާމިކް ބޭންކަށް ޖަމާކޮށް، އެ ފައިސާ އެހެން ފައިސާއާ އެއްކޮށް އިންވެސްޓް ކޮށްފައިވާކަން ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ހަގީގަތުގައި އެ ދެ މީހުންގެ ހެކިބަހާ ނުލައިވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އާރަށާ ގުޅޭ މުއާމަލާތެއްގެ ތެރެއިން ލިބުނު ފައިސާކަން އޮތީ އެނގިފަ، އެ ފައިސާ ދައުރުކުރި ގޮތާ ގުޅޭގޮތުން ފަށަލަކޮށްފައިވާ ގޮތާ ގުޅޭގޮތުން ޝައްކު އުފެދިފައި އޮތީ، އެ ފައިސާގެ އަސްލާ ބެހޭގޮތުން އުތީ ސުވާލު އުފެދިފަ، އެއީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާއެއްކަންވެސް އޮތީ އެސްޓެބްލިޝްވެފަ، މި ދެ މީހުންގެ ހެކިބަހާ ނުލައިވެސް،" ޝަފީއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު