ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގައި ދައުވާކޮށް އެ މައްސަލަ ސާބިތުނުވުމުން ދޫކޮށްލާފައި ހުއްޓާ މާރާމާރީ ހިންގަން އުޅެނިކޮށް މިދިޔަ މަހު ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވާ މުހައްމަދު މަފާޒު ހުސެއިން ސަލީމް، ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލިކަމުގެ ކުށް މަފާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 14 ނޮވެމްބަރު 2022 ގައެވެ. އޭގެ ފަސް މަސް ދުވަސް ފަހުން އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގާ ޖެހި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރިއެވެ. އެ މައްސަލައާ ގުޅިގެން އޭނާ ދޫކޮށްލީ ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުއެވެ.

މަފާޒު އެންމެ ފަހުން ހައްކޮށްފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ 11:25 ހާއިރު މަޖީދީ މަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެއިންނެވެ.

އެ މީހުންގެ ތެރެއިން ފުލުހުން މަފާޒު ހައްޔަރުކުރި އިރު، ބައެއް މީހުން ވަނީ ފިލައިފައެވެ، އެ ތަނުން ދެ މީހަކު ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް ދައުލަތުން ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނުކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި މަފާޒުގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އޭގެ ފަހުންވެސް 15 ދުވަސް އޭނާގެ ބަންދަށް ޖަހައިފައިވެއެވެ. ފުލުހުން "ވަން" އަށް މިއަދު ބުނި ގޮތުގައި އެ 15 ދުވަސް އިއްޔެއަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މާރާމާރީއާ ގުޅޭ ދެ މައްސަލާގައިވެސް ދައުވާކުރަން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ފޮނުވާފައެވެ.