ފްރާންސުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވިޔަފާރިތަކަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެއެވެ.
އުމުރުން 17 އަހަރުގެ ނާހެލް އެމްގެ މެޔަށް ބަޑި ޖަހައި މަރާލީ ޓްރެފިކް ސްޓޮޕެއްގައި ހުއްޓަން އެންގުމުން، މަޑުނުކޮށް ދާން އުޅުމުންނެވެ. އެ މައްސަލައާ ގުޅިގެން އެ ގައުމުގެ އެކި ސިޓީތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، ތަންތަން ލޫޓުވައި ހުޅުޖަހަމުންދާއިރު، ހަމަނުޖެހުން އަށް ދުވަހަކަށް ވަނީ ދިގުދެމިގެން ގޮސްފައެވެ.
ފްރެންޗް ބިސްނަސް އެސޯސިއޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމުގައި މުޒާހަރާ ކުރާ ފަރާތްތަކުން ދީފައިވާ ގެއްލުންތަކުގެ ސަބަބުން ވިޔަފާރިތަކަށް މިހާތަނަށް 1.1 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ.
އެގޮތުން މުޒާހަރާކުރާ މީހުން 200 އަށްވުރެ ގިނަ ފިހާރަ ލޫޓުވާފައިވާއިރު 300 ބޭންކު ބްރާންޗް ބޭނުން ނުކުރެވޭ ވަރަށް ފުނޑާލާފައިވާ ކަމަށް ބުނެފައިވެއެވެ. ވިޔަފާރިތަކަށް ލިބެމުންދާ މި ގެއްލުންތަކުގެ ބަދަލު ދޭނެ ކަމަށް ފްރާންސްގެ ސަރުކާރުން ވަނީ ބުނެފައެވެ.
ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެތަކެއް ހާސް ފުލުހުންނާއި ސިފައިން ނެރެފައިވާއިރު، މުޒާހަރާ ތެރެއިން މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ