ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ، ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެސްޓީއޯ އިން ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދެވެ.

ހުޅުމާލޭގައި މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ހިދުމަތްދިނުމަށްޓަކައި ހުޅުމާލޭގައި ހުރީ ޖުމުލަ 17 އައިސީޔޫ އެނދެވެ. އެސްޓީއޯ އިން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އިތުރު 24 އައިސީޔޫ އެނދާއި ފަސް އޮޕަރޭޝަން ތިއޭޓަރު ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މީގެ 19 އަހަރު ކުރިން ހިދުމަތްދޭން ފެށި ހޮސްޕިޓަލުން އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހެލްތުގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރެއް ގާއިމުކޮށްފައިވާ އިރު، ކެންސަރު ބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި އާ ހިދުމަތްތައް ވަނީ ތައާރަފުކޮށްފައެވެ.

އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި އެ މަޝްރޫއު ނިމޭ އިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއިއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިހާރު ގާއިމުކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީވެސް އެސްޓީއޯ އިން ކުރިއަށް ގެންގޮސްފައިވާ އެފަދަ ކާމިޔާބު އެއް މަޝްރޫއެވެ.