އަހަރުގެ މިހާތަނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަދަދު 26 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ މަސްވެރިންގެ އަތުން 39،607 ޓަނުގެ މަސް ގަނެފައެވެ. އެ މުއްދަތުގައި މަސްވެރިންނަށް 659.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މިދިޔަ އަހަރަކީ މިފްކޯގެ ތާރީހުގައިވެސް އެ ކުންފުނިން އެންމެ ގިނަ އަދަދަކަށް މަސްވެރިންގެ އަތުން މަސްގަނެ މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ އަހަރެވެ. ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މިހާތަނަށް މަސްކިރި އަދަދު 26 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ގާތްގަނޑަށް 50 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް މިފްކޯގެ ވަކިވަކި ސެންޓަރުތަކުން މަސް ގަނެފައިވާ އަދަދު:

ފެލިވަރު - 4844 މެޓްރިކް ޓަން، 3 ޕަސެންޓް ކުރިއެރުމެއް

ކޫއްޑޫ - 30،412 މެޓްރިކް ޓަން، 26 ޕަސެންޓް ކުރިއެރުމެއް

އައްޑޫ - 4،351 މެޓްރިކް ޓަން، 68 ޕަސެންޓް ކުރިއެރުމެއް

މިފްކޯގެ ވަކިވަކި ސެންޓަރުތަކުން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު:

ފެލިވަރު - 74.9 މިލިއަން ރުފިޔާ

ކޫއްޑޫ - 511 މިލިއަން ރުފިޔާ

އައްޑޫ - 73.4 މިލިއަން ރުފިޔާ

ސަރުކާރުން އަންނަނީ މަސްވެރިން ބާނާ މަސް ކިރުވުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިފްކޯއަށް މަސްކިރާ މިންވަރު އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށަން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ފެލިވަރު ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރުމަށް އިންޑިއާ ކުންފުންޏެއް ކަމަށްވާ ރައިނެކް ލިމިޓެޑާ މިދިޔަ ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފައެވެ.