އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލައިގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޔާމީންގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ޔާމީނަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ތަވާލުކޮށްފައިވަނީ އިއްޔެއެވެ. އެ އަޑުއެހުން ކުރިމިނަލް ކޯޓުން ކެންސަލްކުރުމުން ޝަރީއަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލައިފައިވާ އިރު، ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ހުރިހާ ދައުވާއެއްވެސް ކުރިއަށްގެންދަނީ އެކުއެކީގައި އެއް މަޖިލީހެއްގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންްޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު 9:00 އަށް ތާވަލުކޮށްފައި އޮތް އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ ކްރިކް ރިޒާގެ ބަލި ހާލަތު ހުރި ގޮތުން އަޑުއެހުން ކެންސަލް ކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ކަމަށެވެ. ބަލިވެ އުޅޭކަން ސާބިތުކޮށްދިނުމަށް ޑޮކްޓަރީ ލިޔުންވެސް ކްރިކް ރިޒާ ހުށަހަޅައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކްރިކް ރިޒާ ބަލިވެ އުޅޭތީ، މި މައްސަލައިގައި އެންމެ ފަހުން ތާވަލުކުރި ދެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.