އަސްލެއް ނެތް ތުހުމަތުތައްކޮށް ނޫސްވެރިކަމުގެ ތަސައްވަރު ކިލަނބު ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވާ "ދަ ޑިމޮކްރެޓްސް" އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ނޫސްވެރިންނަށް ވައްކަމާއި ނުފޫޒުގެ ތުހުމަތުކުރައްވައި، ސަރުކާރުން ނޫސްތައް ގަނެފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެކަމާ ގުޅިގެން އެމްޖޭއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައާއި އެހެންވެސް ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ސީރިއަސް ތުހުމަތުތައްކޮށް ނޫސްވެރިކަން ޑިސްކްރިޑިޓް ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ނޫސްވެރިންނަކީ ގައުމުގައި ހިނގާ މުހިންމު ކަންކަން އާންމުންނާ ހަމައަށް ގެނެސްދީ، ގައުމީ ބޮޑެތި މައްސަލަތައް އާންމުންނަށް ތިލަކޮށް ބާރުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުމަށް ކޮންމެ ދުވަހަކު މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށްވާ އިރު، ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށްލައި އެ މީހުންނާ މެދު ޒާތީވެ ތުހުމަތުތައް އުފަންކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެެވެ.

".. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި، ނޫސްވެރިކަމުގެ މައްޗަށް ރައްޔިތުން އޮންނަ އިތުބާރު ނަގާލުމަށް ކަމަށް މި ޔޫނިއަންއަށް ގަބޫލުކުރެވެއެވެ..،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނީ، އެފަދަ އަމަލުތައް ތަކުރާރުކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް އެ ޖަމިއްޔާއިން ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށެވެ.

"މި ޔޫނިއަނުން ގަބޫލުކުރާ ހަމައަކީ ނޫސްވެރިންނަށް ވެސް ފާޑުކިޔަންވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީނުވެ, އަސްލެއް ނެތް ތުހުމަތުތަކުން އެއްކިބާވެ ތިބެ ކިޔޭ ބިނާކުރުވަނިވި ފާޑުކިޔުމަށެވެ. އެފަދަ ބިނާކުރަނިވި ފާޑުކިޔުންތަކާއި ކަންކަން ރަނގަޅުކުރުމަށް ދޭ ހިޔާލުތަކަށް މި ޔޫނިއަނުން ހުޅުވިފައިވާ ސިކުނޑިއަކުން މަރުހަބާވެސް ކިޔަމެވެ..،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭގެ ބަޔާނުގައި އިތުރަށް ބުނީ، ނޫސްވެރިކަމުގެ ދާއިރާގައިވެސް ޒަމާންވީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މާލީ މިނިވަންކަން ނެތުމާއި ގާބިލު ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް އެބަހުރި ކަމަށާއި އެއީ ނޫސްވެރިންނަށް ތުހުމަތުތައްކޮށް ޒާތީގޮތުން ދިމާކޮށްގެން ހައްލު ކުރެވޭނޭ ކަންކަމެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާއިރު ގާނޫނާއި ގަވާއިދުގެ ތެރެއިން، ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާއި އުސޫލުތަކުގެ ތެރެއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ.