އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށެވެ. އެގޮތުންއެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް މާލެ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ގޮތަށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށް ގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ މި އަހަރުގެ މަސްރޭހުގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތެއްގެ ގޮތުން 8 ޖުލައި 2023ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. މަސް ރޭހުގައި ބައިވެރިވުމަށް https://go.ooredoo.mv/masrace/ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށް ބުންޏެވެ.

އުރީދޫން ބުނީ މަސްރޭހުގެ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ އިރު، ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވެން ހުންނާނެ ކަމަށާއި މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެއް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް ބުންޏެވެ.

  • މާލެ ސިޓީ: 4 އޮގަސްޓް 2023
  • ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
  • އައްޑޫ ސިޓީ: 18 އޮގަސްޓް 2023
  • ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

މަސްރޭހުގެ ވަނަތަކަށް ދާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން ތިރީގައިވާހެން ފައިސާގެ އިނާމު ލިބިގެންދާނެއެވެ. އަދި އެންމެ މޮޅު މަސްވެރިޔާއާއި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • ތިން ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން މަސްވެރިޔާ: 1000 ރުފިޔާ

އުރީދޫން ބުނީ މަސްރޭހުގައި ކޮންމެ ސިޓީއަކުން އެންމެ މަދުވެގެން 12 ޓީމު އަދި ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށާއި 30 ޓީމަށްވުރެ ގިނައިން ރަޖިސްޓާވެފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ ގުރު ނަގައިގެން ކަމަށެވެ. އަދި މުބާރާތުގައި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.