ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ފަސް ވަނައަށް ޗައިނާ އަރައިފި އެވެ.

ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ގިނަ މީހުން އަންނަ ގައުމެވެ. ކޮވިޑުގެ ސަބަބުން، އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަމުން ދިޔަ މިންވަރު އިންތިހާއަށް ވަނީ ދަށްވެފަ އެވެ. ނަމަވެސް ޗައިނާގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް އިތުރުވެ މިހާރު ޗައިނާ ވަނީ އެ ލިސްޓުގެ ފަސް ވަނައަށް ޖެހިލައިފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް މި އަހަރު ޗައިނާއިން 64،341 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މާކެޓް ޝެއާގެ 6.9 ޕަސެންޓް އެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި ސިންގަޕޯ އެއާލައިންގެ ގުޅިގެން މިދިޔަ މަހު ޗާއިނާއަށް ދަތުރެއްކޮށް، ރާއްޖެއަކީ ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި އަދި ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 934,317 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އާއި ރަޝިޔާއިންނެވެ. އެ ދެ ގައުމުންވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 80,497 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ ގެނެވިފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.