ހުސްވި ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް 120،300 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ އޮފް ސީޒަނަކީ މޭ އިން އޮގަސްޓު ގެ ނިޔަލަށެވެ. އާންމުކޮށް އެ މުއްދަތުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިން މަދުވި ނަމަވެސް ޖޫން އަދި ޖުލައި މަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، އެ މީހުންގެ އޮކިއުޕެންސީ މަތިވެއެވެ. ޔޫރަޕުން ޓޫރިސްޓުން އައުން މަދުވާތީ، ރާއްޖޭގެ އޮފް ސީޒަނުގައި މާކެޓް ހިފަހައްޓަނީ ޗައިނާގެ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ތެރޭގައި ޖުމުލަ 120،363 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ 2022 ވަނަ އަހަރުގެ ޖޫން މަހަށްވުރެ 8.5 ޕަސެންޓް އިތުރު އަދަދެކެވެ. އެ އަހަރުގެ ޖޫން މަހު ރާއްޖެ އައީ 110،885 ފަތުރުވެރިންނެވެ.

ނަމަވެސް މި އަހަރުގެ މެއި މަހަށް ބަލާއިރު، އެ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ މެއި މަހަށްވުރެ 3.6 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މި އަހަރުގެ މެއި މަހު ރާއްޖެއަށް 120،959 ފަތުރުވެރިން އައި އިރު، މިދިޔަ އަހަރުގެ މެއި މަހު އައިސްފައިވަނީ 125،528 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހާއި ޖޫން މަހު ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް ހޭދަކުރި ކުރި އަދަދަށްވެސް ބަދަލެއް ނާދެއެވެ. އެގޮތުން އެ ދެ މަހުވެސް އެވްރެޖްކޮށް ފަތުރުވެރިން ހޭދަކޮށްފައިވަނީ 7.2 ދުވަހެވެ.