ނާއިންސާފުން ކަންކަން ދިމާވެފައިވާ ކަމަށް ބުނެ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އަހްމަދު ނަޖީބް، މިއަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގައި ވާދަ ނުކުރުމަށް ނިންމައިފިއެވެ.

ނީލާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މުބާރާތުގައި ވާދަ ނުކުރުމަށް ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނުން އޭނާއާ ދޭތެރޭ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެކަންކަން ނީލާ ވަނީ ފޭސްބުކްގައި ޖެހި ޕޯސްޓްގައި ހާމަކޮށްފައެވެ.

  • ގިނަ ދުވަސްތަކެއްވާންދެން އެއްވެސް ވަރަކަށް ތަމްރީން ނުހަދައި ހުންނަން ޖެހުން.
  • އަމިއްލަ ގޮތުން ތަމްރީން ހަދަންބޭނުންވި ނަމަވެސް ތަމްރީންތައް ކުރިއަށް ގެންދިއުމަށް ކޯޓު ހޯދުމުގައިވެސް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާންޖެހުމާއި ކޯޓު ލިބުމުގެ ދަތިތައް ދިމާވުން.
  • ދިވެހި ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި މިކްސް ޑަބަލްސް ހަދަން ހަމަޖެހިފައިވާ ކުޅުންތެރިޔާ، ގައުމީ ބެޑްމިންޓަން ކޯޗުގެ ނުފޫޒުން އެހެން ކުޅުންތެރިޔަކާއެކު ޕާޓްނާ ހެދުމަށް ނިންމުން.
  • އިންސާފާއި ހަމައިގެ ބޭރުން ފިޔަޅު އެޅުމާއި، އެ ފިޔަވަޅުތައް އެޅި ސަބަބު ހޯދުމަށް ޓަކައި ލިޔުނު އެއްވެސް ސިޓީއަކާށް މިއަދާ ހަމަށްވެސް ޖަވާބެއް ލިބިފައި ނެތުން.
  • ފިޔަވަޅުގެ ސަބަބުން ނަފްސާނީ ގޮތުން ކޮށްފައިވާ ނޭދެވޭ އަސަރުތަކާއި އުނދަގޫ ތަކުގެ ސަބަބުން.
  • މުބާރަތަކަށް ތައްޔާރު ނުވެ މުބާރާތްތަކުގައި ވާދަ ނުކުރުމަށް

ނީލާ ބުނީ ގައުމީ މުބާރާތަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެ، މުބާރާތުގައި ބައިވެރިވާން ބޭނުން ނުވަނީ 25 އަހަރުގެ ދިގު، ކާމިޔާބު ބެޑްމިންޓަން ހަޔާތެއް އޮތް ކުޅުންތެރިޔަކަށް ވެފައި، އަދިވެސް އެއް ފަހަރު ބޭނުންވާ މަގާމު ﷲ އިރާދަފުޅާއި އެކު ހާސިލު ކޮށްފައި ނޫނިއްޔާ ބެޑްމިންޓަން ކެރިއަރު ނިންމާލަން ބޭނުން ނުވާތީ ކަމަށެވެ.

މީގެ ދެމަހެއްހާ ދުވަސް ކުރިން ނީލާއަށް އެސޯސިއޭޝަނުން ފިޔަވަޅު އަޅާފައި ވަނީ ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ޝަކުވާތަކެއް އައިސްފައިވާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެއީ ކޮން ޝަކުވާތަކެއްކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ. ނީލާ ސަސްޕެންޑް ކުރަން އެސޯސިއޭޝަނުން އަންގާފައިވާ އިރު، އޭނާ ސަސްޕެންޑް ކުރާނެ މުއްދަތަކަށް ކަނޑައެޅީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. އޭގެ ސަބަބުން މިއަހަރު އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި، އޭގެ ފަހުން ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްއިން އޭނާއަށް ފުރުސަތު ގެއްލުނެވެ. އެކަމުގައި ގައުމީ ޓީމު ނެގުމުގެ ކަންކަމަށްވެސް ނީލާ ވަނީ ފާޑު ކިޔައިފައެވެ.

ނީލާ މިއަދު ބުނީ ގައުމީ ޓީމަކަށް ކުޅުންތެރިން ނަގާއިރު، ކްރައިޓީރިއާތަކެއް ފެންނަން އޮންނަން ޖެހޭ ކަމަށާއި، މިހާރު އޮންނަ ގޮތުން ބާރުގެ ބޭނުންކޮށްގެން ޓީމަށް ކުޅުންތެރިން އަރާ ކަމަށެވެ. ނީލާ ކުރި ޕޯސްޓްގައި ގޮވާލާފައި ވަނީ މިދިޔަ އަހަރުން ފެށިގެން މި މަހާ ހަމައަށް ކުޅުންތެރިންގެ އެޓެންޑެންސް ރިޕޯޓުގެ އިތުރުން ގައުމީ ޓީމަށް ކުޅުންތެރިން ނަގާ ކްރައިޓީރިއާއެއް އޮތް ނަމަވެސް، އެކަން ހާމަ ކުރުމަށެވެ. ނީލާ ބުނީ އެ ކްރައިޓީރިއާއަށް ބަލާފައިވާ ނަމަ އޭނާ އިންނަން ޖެހޭނީ ޓީމުގައި ކަމަށެވެ. އޭގެ އިތުރުން ނީލާ ވަނީ ބައެއް ކުޅުންތެރިން މެދުކެނޑުމަކަށްފަހު ކުޅެމުން އަންނައިރު، ޓީމަށް އެރުމުން އެއީ ކޮން އުސޫލަކުން ހިނގާފައިވާ ކަންކަންތޯ ސުވާލު އުފައްދާފައެވެ.

ނީލާއަކީ 2019 ވަނަ އަހަރު އައިއޯއައިޖީން ރާއްޖެއަށް މެޑަލް ގެނެސްދިން އެތުލީޓެކެވެ.