ފިލިޕީންސްގެ ޓުއަރިޒަމް ޕްރޮމޯޓު ކުރުމަށް އެހެން ގައުމުތަކުގެ ވީޑިއޯ ބޭނުންކޮށްފިއެވެ.

ފިލިޕީންސްގެ އަމިއްލަ އެޑްވަޓައިޒިން އެޖެންސީއަކަށް ހަވާލުކޮށްގެން އެގައުމުގެ ޓުއަރިޒަމް ޕްރޮމޯޓުކުރުމަށް ހެދި ވީޑިއޯއިން އިންޑޮނީޝިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އަދި ސްވިޒަލެންޑްގެ މަންޒަރުތައް ފެނެއެވެ.

"ޑީޑީބީ ފިލިޕީންސް" ނަމަކަށް ކިޔާ އެ އެޖެންސީން ހެދި ވީޑިއޯގެ މައްސަލަ ފެންމަތިވުމާއެކު އެގައުމުގެ ޓުއަރިޒަމް ސެކްރެޓަރީ މާރިއާ އެސްޕެރެންޒާ ކްރިސްޓީނޯ ފްރެސްކޯ ވިދާޅުވީ އެ ވީޑިއޯ ހެދުމުގައި ބޭނުންކުރި ވީޑިއޯތަކުގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެގައުމުގެ ޓުއަރިޒަމް ޕްރޮމޯޓުކުރުމަށް ވީޑިއޯ ތައްޔާރުކޮށްފައިވަނީ އެކަމަށް ލިބިފައިވާ ސްޕޮންސާ އިން ކަމަށް ވިދާޅުވިއެވެ.

ވީޑިއޯ އާންމުކުރުމުގެ ކުރިން އެ ވީޑިއޯގައި ވަނީ ފިލިޕީންސްގެ މަންޒަރުތައްކަން ޔަގީންކުރުމަށް އެކި ފަހަރުމަތިން އެދުމުން އެކަމުގެ ޔަގީންކަން ޑީޑީބީ ފިލިޕީންސް އިން ދިން ކަމަށްވެސް ޓުއަރިޒަމް ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ޑީޑީބީ ފިލިޕީންސް އިން ވަނީ ވީޑިއޯގެ މައްސަލައިގައި މައާފަށް އެދި، އެކަމުގައި އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގުތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ފިލިޕީންސްގެ ޓުއަރިޒަމް ޕްރޮމޯޓުކުރުމަށް ހެދި ވީޑިއޯގައި އިންޑޮނީޝިއާގެ ހަނޑޫ ދަނޑުތައް ފެނެއެވެ. އަދި ޔޫއޭއީގެ ދޮންވެލި ބީޗެއްގެ އިތުރުން ސްވިޒަލެންޑްގައި ފްލައިޓެއް ލޭންޑުކުރާ މަންޒަރު ވެސް ފެނެއެވެ.