"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

ރައީސް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން އިސްވެ ތިބެ، އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ އެވެ.

ރައީސް ނަޝީދު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާއަށް އަންނަ ބުދަ ދުވަހުގެ ރޭ 8:30 އަށް ގިޔާސުއްދީން ސްކޫލަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގައި އުފެދިފައިވާ މައްސަލަތަކަކާއެކު ނަޝީދު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގަންނަވައިފައެވެ. ރައީސް ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށް ބައްލަވައި "އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ކަމަށެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމް އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ފޯމުތައް ޕްރޮސެސްކޮށް، އީސީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ޑިމޮކްރެޓްސް ރަޖިސްޓަރީކުރުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ. އެގޮތަށް ނިންމީ، އެ ޖަލްސާގައި ބައިވެރިވި ދެ މެންބަރަކު ޑިމޮކްރެޓްސް ރަޖިސްޓަރީކުރަން ވޯޓު ނުދިނުމުންނެެވެ. އޭގެ ފަހުންވެސް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން އެ ޖަލްސާވެސް ނުބޭއްވުނެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދިނުމުން ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ގިޔާސުއްދީން ސްކޫލުގެ ހޯލުގައި އޮންނާނެ ކަމަށެވެ. ޕާޓީގެ ނަމާއި ކުލައާއި އަސާސީ ގަވައިދާއި އެ ނޫންވެސް ކަންކަން ފާސްކުުރުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައެވެ.