ޓެކްސް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅައިގެން މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހާމަކޮށްފިއެވެ.

މީރާ އިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ތެރޭގައި ޓެކްސް ނުދައްކާ 20،295 ފަރާތަކަށް އަދި ޓެކްސް ބަޔާން ހުށަނާޅާ 31،577 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. ނޯޓިސް ފޮނުވައިގެން ޖުމުލަ 506.69 މިލިއަން ރުފިޔާ މީރާއިން ވަނީ ހޯދައިފައެވެ. އަދި ޑިއުސް ކްލިއަރެންސް ޕްރޮސީޖާ މެދުވެރިކޮށް 864.10 މިލިއަން ރުފިޔާ ރިކަވާކޮށްފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޓެކްސް ނުދައްކާ ޖުމުލަ 11،614 ފަރާތަކަށް މިދިޔަ އަހަރު ވަނީ އެކިއެކި ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން ފައިސާ ދެއްކުމަށް ހަދާންކޮށްދީ 8,924 ފަރާތަކަށް ނޯޓިސް ފޮނުވައިގެން 1.4 ބިލިއަން ރުފިޔާ ހޯދާފައިވާއިރު ޑިއުސް ކްލިއަރެންސް ޕްރޮސީޖާ މެދުވެރިކޮށް 2,496 ފަރާތެެއްގެ އަތުން 864 މިލިއަން ރުފިޔާ ވަނީ ރިކަވާކޮށްފައެވެ. އަދި 162 ފަރާތަކަށް ފޯނުން ގުޅައި ފައިސާ ދައްކަން ހަނދާން ކޮށްދީގެން 94.4 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ނުވަ ފަރާތެއްގެ އެކައުންޓް ފްރީޒްކޮށްގެން 1.8 މިލިއަން ރުފިޔާ ހޯދާފައިވާއިރު 22 ފަރާތަކަށް ގާނޫނީ ފިޔަވަޅު އަޅައިގެން 1.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކަން އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން އެ އަދަދު ބައި ބަޔަށް ބަހާލައިގެން ދެއްކޭ ގޮތަށްވެސް މީރާއިން ވަނީ ލުއި ދީފައެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ 598 ފަރާތަކަށް ލުއި ދީފައިވާއިރު އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.6 ބިލިއަން ރުފިޔާއަށް އަރައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދައްކާ 3،326 ފަރާތެއްގެ އަތުން 849.2 މިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ރިކަވާ ކުރެވިފައެވެ.

ޓެކްސް ދެއްކުމަށް މީރާއިން ދޭ ފައިނަލް ނޯޓިސްގައި ބަޔާންކޮށްފައިވާ މުއްދަތަށް ފައިސާ ނުދައްކައިފި ނަމަ، އަދި ނުދެއްކި ހުރި އަދަދު ދެއްކުމަށް އިންސްޓޯލްމަންޓް ޕްލޭނެއް އެއްބަސްވެފައިނުވާ ނަމަ، އެފަދަ ފަރާތަކާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

އެގޮތުން އެފަދަ 148 މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ހައިކޯޓަށް 11 މައްސަލަ އަދި ސްޕްރީމް ކޯޓަށް ތިން މައްސަލައެއް މީރާއިން މިދިޔަ އަހަރު ހުށަހަޅާފައި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.