ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން އިސްވެ ތިބެ، އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް، ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމް އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެ ފޯމުތައް ޕްރޮސެސްކޮށް، އީސީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ޑިމޮކްރެޓްސް ރަޖިސްޓަރީކުރުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ. އެ ގޮތަށް ނިންމީ، އެ ޖަލްސާގައި ބައިވެރިވި ދެ މެންބަރަކު ޑިމޮކްރެޓްސް ރަޖިސްޓަރީކުރަން ވޯޓު ނުދިނުމުންނެެވެ. އޭގެ ފަހުންވެސް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން އެ ޖަލްސާވެސް ނުބޭއްވުނެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.
ހަބީބު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްއަށް ހުއްދަ ދީފައިވަނީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައެވެ.