އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
ވަރަށް ގިނަ ދިވެހިން ގަބޫލުކުރަން ބޭނުންނުވާ ހަގީގަތެކެވެ. އިންޑިޔާއަކީ ސާފް ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ މަތީ ފެންވަރުގެ ފުޓްބޯޅައެއް ކުޅޭ ގައުމެކެވެ. ޚާއްސަގޮތެއްގައި ފަހަކަށްއައިސް އިންޑިޔާއިން ހޯދާފައިވާ އަދި ހޯދަމުން އަންނަ ކުރިއެރުން ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ބޮޑެވެ. ތަފާސް ހިސާބުތަކަށް ބަލައިލީމާ މިކަން ވަރަށް ރީއްޗަށް ފެންނާނެއެވެ. ސާފް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ހަރުދަނާ މިޝަނަކާއި ވިޝަނެއް އޮތީ އިންޑިޔާގައެވެ. އެންމެ ހަރުދަނާ އޮނިގަނޑެއްވެސް އޮތީ އިންޑިޔާގައެވެ. ޔޫތު ޑިވެލޮޕްމަންޓަށް އެންމެ ބޮޑު ހޭދައެއް ކުރަނީވެސް އިންޑިޔާއިންނެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފުޓްބޯޅައިގެ ކުރިމަގު އެންމެ އުޖާލާކޮށް ފެންނަނީވެސް އިންޑިޔާގައެވެ.
ކުރިކެޓާއި ހޮކީއާއި ފަދަ ޓީމު ކުޅިވަރުތަކުގައި އިންޑިޔާއަކީ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ގައުމެކެވެ. ފުޓްބޯޅައިގައި އިންޑިޔާއަށް ދުނިޔޭގެ ގަދަ ބާރަކަށް ނުވެވިގެން އުޅެނީ މިހާތަނަށް އެކަހަލަ އޮނިގަނޑެއް ރޭވިފައި ނެތުމާއި އާއްމުންގެ ޝައުގުވެރިކަންވެސް ނެތުމުގެ ސަބަބުންނެވެ. އެކަމަކު އެކަން މިހާރުދަނީ މަޑުމަޑުން ބަދަލުވަމުންނެވެ. އާއްމުންގެ ތެރޭގައިވެސް ފުޓްބޯޅައަށްދޭ ސަމާލުކަން މިހާރު ދަނީ އިތުރުވަމުންނެވެ. މި ސަމާލުކަމާއެކު ފުޓްބޯޅައަށް ތަނަވަސްވަމުންދާ ފައިސާގެ އަދަދުވެސް ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އިންޑިޔާގެ ހުރިހައި ސްޓޭޓެއްގައިވެސް ފުޓްބޯޅައިގެ އޮނިގަނޑު އަވަސްކަމާއެކު ދަނީ ތަރައްގީވަމުންނެވެ. ދުނިޔޭގެ ގަދަ ބާރަކަށް ނުވެވުނަސް އޭޝިޔާގެ އެންމެ ކުރީ ސަފުގައި އިންޑިޔާ ހިމެނުމަކީ ދެން މާދުރުގައި އޮތްކަމެއް ނޫނެވެ.
މިވާހަކަ މިގޮތަށް މިއަދު ލިޔުނީމާ ބައެެއް މީހުން ބުނުން އެކަށީގެންވެއެވެ. އައްދެއައްދޭއެވެ. އިންޑިޔާގެ ބެންގަލޫރަށް ދެވުނީމާ ހާދައަވަހަކަށް އިންޑިޔާ މޮޅުކަމަށް ފެނުނީއެވެ. ނޫނެކެވެ. އެހެންބުނާ އެއްޗެއް ނޫނެވެ. ވަރަށް ގިނަ ދުވަހު އިންޑިޔާގެ ފުޓްބޯޅަ ބަލައިފީމެވެ. ވަރަށް ގިނަ ދުވަހު އިންޑިޔާގެ ފުޓްބޯޅައިގެ ޕްލޭންތަކާއި އޮނިގަނޑަށް އަންނަ ބަދަލު ދިރާސާކޮށްފީމެވެ. ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އަޅުގަނޑު ގަބޫލުކުރާގޮތުން މި ސަރަހައްދުގެ ކޮންމެވެސް ގައުމެއް އޭޝިޔާގެ މަތީފެންވަރުގެ ފުޓްބޯޅަޔަށް ވާސިލްވާން އެބަޖެހެއެވެ. މުޅި ސަރަހައްދުގެ ފުޓްބޯޅަ ދެން އައު ހަރުފަތަކަށް އުފުލޭނީ އޭރުންނެވެ. އިންޑިޔާގެ ކުރިއެރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބިރެއް ނޫނެވެ. ނުރައްކަލެއްވެސް ނޫނެވެ. އެއީ މުޅި ސަރަހައްދުގެ ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމަށް އެޅޭ ބާރެކެވެ. ކޮށޭ މަގެކެވެ.
ކޮންމެ ކުޅިވަރެއްގައިވެސް ކުރިއަރާނީ ވާދަވެރިކަން ބޮޑުވެގެންނެވެ. ވާދަކުރަންތިބޭ މީހުންގެ ފެންވަރުވެސް މަތިވެގެންނެވެ. ފެންވަރުދެރަ ބަޔަކާ ވާދަކުރަންޖެހެންޏާ އެބައެއްގެ ފެންވަރުވެސް މައްޗަކަށް ނުދާނެއެވެ. ދެކުނު އޭޝިޔާގެ ފުޓްބޯޅަ ވަކިވަރެއްގައި މިހާތަނަށް ހިފެހެއްޓިފައި އޮތުމުގެ ސިއްރަކީ އެއީއެވެ. އިންޑިޔާ މިހާރު އެދަނީ ސަރަހައްދުން ބޭރަށް ނަޒަރު އަމާޒުކޮށް ވަކި މިސްރާބަކަށެވެ. އިންޑިޔާގެ އަމާޒަކީ މާދުރުނޫން މުސްތަގުބަލެއްގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމެވެ. އިންޑިޔާގެ ހުވަފެނަކީ އެއީއެވެ. އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނުގެ ވިޝަނަކީ އެއީއެވެ. އެކަން ކުރެވެންއޮތީ އޭޝިޔާގެ އެންމެ މަތީ ފަންތީގެ ގައުމުތަކާ ވާދަކުރެވޭ ހިސާބަށް ދެވިގެންނެވެ. ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އިންޑިޔާއިން ހޯދި ކުރިއެރުންތަކަށް ބަލާއިރު އިންޑިޔާ މިވަގުތު އޮތީ މާދުރަކުވެސް ނޫނެވެ.
މިދެންނެވި ބަހުގެ ހެއްކަކީ އިންޑިޔާއިން ނެރެމުންދާ ނަތީޖާތަކެވެ. މީގެ ދެތިން ހަފުތާކުރިން ކުޅުނު އިންޓަރ ކޮންޓިނެންޓަލް ކަޕޭ ކިޔުނު މުބާރާތެއްގެ ފައިނަލްގައި ދޭއްސުމަކުން ލުބުނާން ބަލިކޮށް އިންޑިޔާ ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. ލުބުނާނަކީ މެދުއިރުމައްޗަށް ނިސްބަތްވާ ގައުމެކެވެ. މެދުއިރުމައްޗަކީ ދެކުނު އޭޝިޔާ ނުވަތަ ސާފް ސަރަހައްދަށްވުރެ މަތީ ފަންތީގެ ފުޓްބޯޅައެއް ކުޅޭ ސަރަހައްދެކެވެ. މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުވޭތާ ދެކޮޅަށް އިންޑިޔާ ކުޅުނު މެޗަށް ބައްލަވާށެވެ. ކުވޭތަކަށް މެޗު ޑޮމިނޭޓެއް ނުކުރެވުނެވެ. މުޅި މެޗަށް ބަލާއިރު މޮޅަށް ކުޅެފައިވަނީވެސް އިންޑިޔާއެވެ. ކުވޭތުގެ ރޭންކިންގެ ވާހަކަ އިހަށް ބާއްވާށެވެ. ކުވޭތަކީ ގަލްފުގެ ގައުމެކެވެ. އެތާގައި ކުޅެނީ ކޮންފެންވަރެއްގެ ފުޓްބޯޅައެއްކަން އެންމެނަށްވެސް އެނގެއެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ސާފްގައި ޑޮމިނޭޓްކުރުމަކީ އިންޑިޔާއިން މިހާރު ގެންގުޅޭ ހަމައެކަނި އަމާޒެއް ނޫނެވެ. އިންޑިޔާގެ ކޯޗުކަމަށް ކްރޮއޭޝިއާގެ ތަޖުރިބާކާރެއް ކަމަށްވާ އިގޯރ ސްޓިމަކް ގެނެސް އޭނާއާ ހަވާލުކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ސާފް ޗެމްޕިއަންޝިޕް ހޯދުމެއް ނޫނެވެ. އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭ ބާރަކަށް ހެދުމަކީ ބޭނުމެކެވެ. ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުމަކީ ބޭނުމެކެވެ. އެންމެފަހުން ކުޅުނު އޭޝިއަން ކަޕްގައި އިންޑިޔާގެ ކުރިއެރުން ނުފެންނަ މީހަކީ ފުޓްބޯޅަ ބަލާ މީހަކަށްވެސް ނުވާނެއެވެ. ބޮޑު ތަފާތަކުން ތައިލެންޑް ބަލިކުރިއެވެ. އެމިރޭޓްސްއާއި ގަތަރާ ދެކޮޅަށް ވާދަވެރި މޮޅު ކުޅުމެއް ކުޅުނެވެ. އެހެންވީމާ އިންޑިޔާގެ މިސްރާބު ގޯސްކަމަށް ބެލޭނެ ޖާގައެއް ނެތެވެ.
އިންޑިޔާގައި 1.4 ބިލިޔަން މީހުން ދިރިއުޅެއެވެ. އިންޑިޔާ އެކުލެވިގެންވަނީ 28 ސްޓޭޓާއި 8 ޔުނިއަން ޓެރިޓަރީގެ މައްޗަށެވެ. ކޮންމެ ސްޓޭޓެއްގައި އަމިއްލަ ފުޓްބޯޅަ ފެޑެރޭޝަނެއް އެބައޮވެއެވެ. ފަހަކަަށް އައިސް މިއިން ކޮންމެ ފެޑެރޭޝަނަކުން ހަރަކާތްތެރިވަނީ ރޭވިފައިވާ ޚާއްސަ ޕްލޭނަކާ އެއްގޮތަށެވެ. އިންޑިޔާގެ ގައުމީ ޓީމަށް ބަލައިލީމާ އެކި ސްޓޭޓްތަކަށް ނިސްބަތްވާ އެކި ނަސްލުތަކުގެ އެކި ދީންތަކުގެ ކުޅުންތެރިން ފެންނާނެއެވެ. އެމީހުން ތަމްރީނުވެގެން މިހާރު އެއަންނަނީ ފެންވަރު ރަނގަޅު އެކަޑެމީތަކުންނެވެ. އިންޑިޔާގެ ގައުމީ ޓީމަށް ޚާއްސަ ތަމްރީނު މަރުކަޒުތަކަކީ މިހާރު ދުނިޔޭގެ ފެންވަރުގެ ތަންތަނެވެ. އެހެންވީމާ ދެން ތަފާތު ފެންނާނެތާއެވެ. ފެންނަންވެސް ވާނެތާއެވެ. ހަގީގަތަކީ މިއީއެވެ. ވާދަކުރަން ބޭނުމިއްޔާ ސަރަހައްދުގެ އެހެން ގައުމުތަކަށް އޮތީ މިމަގުން ބުރަކޮށް މަސައްކަތް ކުރުމެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް