އަސްލު ލިޔުއްވީ: ޑޮކްޓަރ محـمّــد رضــا الإســـلام نــــدوى

ތަރުޖަމާ: عــبــد اللّـــه فــاروق حســن

----------------------

ޢާއިލާގެ ބޭނުންތެރިކަމާއި ފައިދާތަކަކީ ޤަދީމީ ޒަމާނުއްސުރެ އިންސާނުންގެ މެދުގައި އެއްބަސްވެވި ޤަބޫލުކުރެވިފައިވާ ކަމެކެވެ. އެހެންކަމުން ދުނިޔޭގެ ހުރިހައި ތަހުޒީބުތަކަކާއި ޤައުމުތަކަކާއި ސަރަޙައްދުތަކެއްގައިވެސް އިންސާނުން ދިރިއުޅެމުންއައީ ޢާއިލީ ނިޒާމެއްގެ ދާއިރާގައި ލައިމެހިގެންނެވެ. ނަމަވެސް މިހާރަކަށްއައިސް ތަފާތު ސަބަބުތަކާހުރެ އެ އިދާރާ ވަނީ ވަރަށްބޮޑު ނުރައްކަލަކަށް ހުރަހެޅިފައެވެ. މިޒަމާނުގައި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުސިޔާނު މައްސަލަތަކުގެ ތެރެއިން އެއްމައްސަލައަކީ ޢާއިލާތައް ހަލާކުވެ ބަރުބާދުވެދިޔުމުގެ ނުރައްކަލެވެ. އިމެއްނެތް އަދި ޒިންމާވާން ޖެހުމެއްނެތް މިނިވަންކަމާއި އަމިއްލަ އެދުމާއި އަމިއްލަ މަޞްލަޙަތަށް އަޅުކަންކުރުމާއި ޝަހްވަތްތެރިކަމުގެ އަވައިގައި ޖެހުމާއި މާއްދިއްޔަތުގެ ދަށުވުމާއި މުދަލާއި ފައިސާއަށް ނިވައްތައިގަތުމުގެ ސަބަބުން ޢާއިލީ މުޤައްދަސް އިދާރާގައި ވަނީ ރެނދުލައިފައެވެ. ރޫޅިގެން ފައިބައިގަތުމުގެ މަރްޙަލާއަށް ފެށިފައެވެ. ޢާއިލާތަކުގެ ޒިންމާދާރު މީހުންވެސް އުޅޭތީ ފެންނަނީ އެކަންކަމަށް ފިލާންވެގެންނެވެ. މިހައިހިސާބަކުންވެސް މައްސަލަ ނިމުމަކަށް ނާދެއެވެ. ބައެއްފަރާތްތަކުން ގެންދަނީ ޢާއިލާގެ ބޭނުންތެރިކަމާމެދުވެސް އިންކާރު ކުރަމުންނެވެ.

އިންސާނުންގެ ކިބައިގައި މިއުފެދޭ ރުޖްޙާނަށް އިޞްޠިލާޙީގޮތުން ކިޔަނީ Cohabitation ނުވަތަ Live in Relationship އެވެ. މަޠުލަބަކީ އަންހެނަކާ ފިރިހެނަކު އެކުގައި ދިރިއުޅެމުން ގެންދިޔުމެވެ. މިބުނުންތައް ރައްދުވަނީ ކާވެނީގެ ޢަޤުދުން ނުބަނދެވި އެކަމަކު ދެމަފިރިޔަކު އުޅޭނެގޮތަށް ދިރިއުޅެމުންގެންދާ ޖޯޑުޖޯޑަށެވެ. އެބައިމީހުންގެ އެ ދިރިއުޅުމަކީ ދުވަސްކޮޅެއްގެ ކަމަކަށްވެސް ވެދާނެއެވެ. ކޮންމެވެސްވަރެއްގެ ދެމިހުރުމެއް އޮވެގެން ދިގުމުއްދަތަކަށްވެސް އެކުއުޅެފާނެއެވެ. އެގޮތަށް އުޅޭއުޅުމުގައި ދެމީހުންގެ ދެމެދުގައި ޖިންސީގުޅުންވެސް ބާއްވަމުން ގެންދެއެވެ. އޭގެ ނަތީޖާއެއްގެގޮތުން ވަރަށްގިނަފަހަރަށް ދަރީންވެސް ލިބެއެވެ. އެކަމަކު އެފަދަ ޖޯޑުޖޯޑު ދެމަފިރިޔަކު އުޅޭގޮތަށް އެކުއުޅުނުކަމުގައިވިޔަސް އެބައިމީހުންގެ މެދަކު ކާވެނީގެ ބަނދެވުމެއް ނޯވެއެވެ. ކާވެނީގެ ޢަޤްދެއް ނުވަތަ މުޢާހަދާއެއް ނޯވެއެވެ. އެހެންކަމުން އެދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންއިރަކު އަނެކަކާ ދުރުވެ ވަކިވެގެންދިޔުމުގެ އިޚްތިޔާރު އޮވެއެވެ. ކާވެނީގެ މުޢާހަދާއެއް ނެތުމާއެކު އެއިންއެކަކުވެސް އަނެކަކާމެދު އުފުލާންޖެހޭ އެއްވެސްކަހަލަ ޒިންމާއެއް ނޯވެއެވެ. ދެމީހުންގެ މެދުގައި އެއްވެސްވަރެއްގެ ޤާނޫނީ ބަނދެވުމެއް ނޯވެއެވެ.

މީގެ ފަންސާހަކަށް ފަސްދޮޅަހަކަށް އަހަރު ކުރިޔަށް ޖެހިލައި، ދުނިޔޭގައި މިކަން އޮތްގޮތަށް ބަލައިލާއިރު ކާވެނީގެ ބަނދެވުމަކާނުލައި ޖިންސީގޮތުން ގުޅުން ބާއްވައި އެކުގައި އުޅުމަކީ ދުނިޔޭގެ ގިނަތަންތާނގައި ނަފުރަތުގެ ލޮލުން ބަލައިއުޅުނުކަމެކެވެ. ވަރަށްގިނަ ތަންތާނގެ އާދަކާދައާއި ޤާނޫނުތަކުގައި ޣައިރުއަޚްލާޤީ އަދި ޣައިރުޤާނޫނީ ކަމެއްކަމުގައި ކަނޑައަޅާފައި އޮންނަ ކަމެކެވެ. ނަމަވެސް އެކަން އައީ ނުހަނު ހަލުވިކަމާއެކު ބަދަލުވަމުންނެވެ. ޢާއިލީ ބަނދެވުމުން ނެއްޓި މިނިވަންވެގެން އުޅޭހިތްވާ މީހުން އައީ ގިނަވަމުންނެވެ. މިހާރު މި މައްސަލަވަނީ ނުހަނު ނުރައްކާތެރި އަދި ބިރުވެރި ސިފައެއް އިޚްތިޔާރުކޮށްފައެވެ. ދުނިޔޭގެ އެކިތަންތަނުން އެއްކުރެވޭ ތަފާސްހިސާބުތަކުން އެކަން ކަށަވަރުވެއެވެ.

އެމެރިކާގައި 1960 ގެ ކުރީން ކާވެނިނުކޮށް އެކުގައި އުޅުނީ ގާތްގަނޑަކަށް ހަތަރުލައްކަ ފަންސާސްހާސް ޖޯޑެވެ. ނަމަވެސް ދެހާސްވަނަ އަހަރުގެ ހިސާބުތަކުން އެނގިފައިވާގޮތުގައި އެ ޢަދަދުވަނީ ދިހަގުނަޔަށް އިތުރުވެފައެވެ. 2011 ވަނައަހަރު އެޢަދަދުވަނީ ގާތްގަނޑަކަށް ހަތެއް ޕޮއިންޓު ފަހެއް މިލިޔަނަށް އިތުރުވެފައެވެ. 2009 ވަނަ އަހަރު ޔޫ.އެސް. ސެންސަސް ބިއުރޯއިން ވަނީ އެމެރިކަން ކޮމިއުނިޓީ ސާވޭއެއް ކޮށްފައެވެ. އެ ސާވޭއިން އެނގުނުގޮތުގައި ތިރީސްއަހަރާއި ސާޅީސްހަތަރު އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންކުރެ ކާވެނިނުކޮށް އެކުގައި ދިރިއުޅޭ މީހުންގެ އަދަދު 1999 ގައިހުރީ ހަތަރެއް އިންސައްތައިގައެވެ. 2009 ގައި އެ ޢަދަދުވަނީ ހަތެއް އިންސައްތަޔަށް އަރައިފައެވެ. ހުސްއެކަނި އަންހެނުންނާ ބެހޭގޮތުން ކުރި ސާވޭގެ ނަތީޖާގައިވާގޮތުން ނަވާރަ އަހަރާއި ސާޅީސްހަތަރު އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ކާވެނި ނުކޮށް ފިރިހެނަކާ އެކުގައި އުޅޭ މީހުންގެ އިންސައްތައަކީ 1987 ގައި ތެއްތިރީސް އިންސައްތައެވެ. 2009 ގައި އެ ޢަދަދުވަނީ ފަންސާސްއަށެއް އިންސައްތަޔަށް އިތުރުވެފައެވެ.

އިނގިރޭސިވިލާތުގެ އޮފީސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ހާމަކުރާގޮތުގައި 2012 ވަނައަހަރު ކާވެނިނުކޮށް އެކުގައި އުޅުނު ޖޯޑުތަކުގެ ޢަދަދަކީ 9.5 މިލިޔަނެވެ. އެއީ 1996 ގެ ޢަދަދުގެ ދެގުނައެވެ. ޔޫރަޕުގެ އެހެނިހެން ޤައުމުތަކުގައިވެސް ކަންހުރީ މިގޮތަށެވެ. 2011 ވަނައަހަރު ޔޫރަޕިޔަން ޔޫނިއަންގެ ހަތާވީސް ޤައުމުގައި ވިހެއި ކުދީންގެ ތެރެއިން 39.5 އިންސައްތަ ކުދީންނަކީ ކާވެނީގެ ބޭރުން ހިންގި ޖިންސީ ގުޅުމުގެ ނަތީޖާއިން ދުނިޔެއަށްއައި ކުދީންނެވެ.

ހުޅަނގުގެ ޤައުމުތަކުން ފެށުނު މިވަބާ އިރުމައްޗަށް ފެތުރި އިރުމަތީގެ ޤައުމުތަކުގައިވެސް މިހާރުދަނީ ނުހަނު ހަލުވިކަމާއެކު ވިރަވަމުންނެވެ. ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝިއަލް ސެކިއުރިޓީ ރިސާޗުން ޢާންމުކުރާ ގޮތުގައި 25 އަހަރާއި 29 އާ ދެމެދުގެ އަންހެނުންގެ ތިނެއް އިންސައްތަ މީހުން ދިރިއުޅެނީ ކާވެނިނުކުރާ ފިރިހެނުންނާ އެކުގައެވެ. ވިހި އިންސައްތަ އަންހެނުންނަކީ ޙަޔާތުގެ ކޮންމެވެސް ދައުރެއްގައި ކާވެނީގެ ބޭރުން ޖިންސީގުޅުން ތަޖުރިބާކޮށްފައިވާ މީހުންނެވެ. 2004 ވަނައަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި ފިލިޕީންސްގެ ވިއްސާއި ސައުވީސް އަހަރާ ދެމެދުގެ އުމުރުފުރާގެ ގާތްގަނޑަކަށް ދޭއްބައި މިލިޔަން މީހުންނަކީ ނުއިނދެ އެކުއުޅޭ ޖޯޑުތަކެވެ. 2005މ. ގައި އޮސްޓްރޭލިޔާގައި "ރިލޭޝަންޝިޕް" ގައި އުޅޭމީހުންގެ ޢަދަދަކީ އެތާނގެ އާބާދީގެ ބާވީސް އިންސައްތައެވެ. 2001މ. ގައި ނިއުޒީލެންޑުގައި އެތާނގެ އާބާދީގެ އަށާރަ އިންސައްތައެވެ. އާދެ، މިއީ ވަރަށްމަދު ޤައުމުތަކެއްގެ ތަފާސްހިސާބުތަކެވެ. އެހެނިހެން ޤައުމުތަކުގެ ޙާލުވެސް މިއަށްވުރެ ވަކިރަނގަޅެއް ނޫނެވެ. (ޚާއްޞަކޮށް ފާއިތުވެގެންމިދާ އަހަރުތަކުގައި އެ ޢަދަދުތައްވަނީ ފަށްފަށްވެފައެވެ.)

ހިންދުސްތާނުގައި އެތާނގެ އަޣުލަބިއްޔަތަކީ ކޮންމެ ދީނެއްގެ ބަޔެއްކަމުގައިވިޔަސް ޤަދީމީ ޒަމާނުއްސުރެ އެބައިމީހުންނަކީ ދީނީ އަދި އަޚްލާޤީ ރިވާޔަތްތަކަށް އިޙްތިރާމުކުރަމުންއައި ބައެކެވެ. އެހެންކަމާއެކު އެ އެންމެންވެސް ޢާއިލީ ނިޒާމެއް ޤަބޫލުކުރެއެވެ. އެބައިމީހުންގެ ތެރޭގައި ކާވެންޏަކީ އިތުބާރުކުރެވޭ އަދި ސަނަދު ލިބިފައިވާ ނިޒާމެކެވެ. އެނިޒާމުގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ އިންތިހާދަރަޖައިގެ ނުރުހެވޭ ކަމެކެވެ. ވިޔާނުދާ ކަމެކެވެ. ނަމަވެސް ފާޙިޝުކަމާއި ދުވަހުން ދުވަހަށް އިތުރުވަމުންދާ އާވާރާ ދިރިއުޅުމާއި އަބާޙިއްޔަތުގެ ސަބަބުން ރިލޭޝަންޝިޕްގައި އުޅުމަކީ އިންޑިޔާގައިވެސް މިހާރު ބަލައިގަނެވޭ އަދި ޤަބޫލުކުރެވޭ ކަމެކެވެ. ޤާނޫނީ ހުއްދަ ލިބެމުންއަންނަ ކަމެކެވެ.

އިންޑިޔާގައި ކާވެނީގެ ބޭރުން ކިހައިބަޔަކު ޖޯޑުޖޯޑަށް އުޅޭބާވައެވެ؟ މިސުވާލުގެ ފުރިހަމަ ޖަވާބެއް ދެވޭވަރަކަށެއް ތަފާސްހިސާބުތަކެއް ނުހުރެއެވެ. ނަމަވެސް އެކަން ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާކަން ތަފާތު ރިޕޯޓުތަކުން އެނގެއެވެ. ޚާއްޞަކޮށް މެޓްރޯ ސަހަރުތަކުގައި ދިރިއުޅޭ ޒުވާން އަންހެންކުދީންނާއި ފިރިހެންކުދީން ލެނބެމުންދަނީ އެދިމާޔަށެވެ.

(ނުނިމޭ)