ޗެލްސީގެ އިންގްލެންޑް މިޑްފީލްޑަރު މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް ދާން އެއްބަސްވެއްޖެއެވެ.

އެކަޑެމީ ދުވަސްވަރުން ފެށިގެން ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ މައުންޓް ގެންދަން ޗެލްސީ އާއި ޔުނައިޓެޑުން އެއްބަސްވެފައިވާ އަގަކީ 60 މިލިއަން ޕައުންޑެވެ. އެއީ ޓްރާންސްފާ ފީގެ ގޮތުގައި 55 މިލިއަން ޕައުންޑް ދެއްކުމުގެ އިތުރަށް ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޕަންޑް ދިނުމަށެވެ. މައުންޓަކީ އުމުރުން ހަ އަހަރުން ފެށިގެން ޗެލްސީގައި ހޭދަކުރަމުން އަންނަ އެ ކްލަބުގެ ޕްރޮޑަކްޓެކެވެ.

ޔުނައިޓެޑުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ތައްޔާރުވަމުންދާ އިރު، މައުންޓް ވެގެންދާނީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު، އަންނަ ސީޒަނަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން 600 މިލިއަން ޕައުންޑް ޓްރާންސްފާ އަށް ހަރަދުކޮށްފައިވާ އިރު، ފައިނޭންޝަލް ފެއާ ޕްލޭގެ ބިރަށް މި ސީޒަނުގައި ކުޅުންތެރިން ވިއްކުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ސައުދީ ލީގުގެ ކްލަބުތަކަށްވެސް ޗެލްސީން ވަނީ ކުޅުންތެރިންތަކެއް ވިއްކައިފައެވެ. ހަކީމް ޒިޔެޗްގެ އިތުރުން ކަލިދޫ ކުލިބާލީ އަދި ކީޕަރު އެޑުއާޑް މެންޑީވެސް ޗެލްސީ ދޫކޮށް ސައުދީއަށް ދާން މިހާރު ވަނީ ނިންމައިފައެވެ.

މައުންޓްގެ އަގަކަށް ޗެލްސީ އާއި ޔުނައިޓެޑް އެއްބަސްވެފައި ވަނީ ހަފުތާއެއް ދުވަހުގެ ވާހަކަތަކަށް ފަހުއެވެ. މައުންޓަކީ ޗެލްސީއާއެކު 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދި އޭރު މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި މައުންޓަށް މާ ގިނަ ފުރުސަތުތަކެއް ޗެލްސީގެ ފުރަތަމަ 11 އިން ނުލިބުނު ނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން އޭނާ ދިޔައީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ޗެލްސީން އަންނަ ސީޒަނަށް ތައްޔާރުވަމުން ދަނީ އާ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުންނެވެ.