ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓުގައި ރާއްޖޭގެ ރަށްވަހިކަން ހޯދި ތިން ބިދޭސީން ހިމެނޭކަން ހާމަވެއްޖެއެވެ.

ބިދޭސީ 10 މީހަކަށް ގޯތި ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ނަންތަކެއް ދައުރުވަމުންދާ އިރު، އޭގެ ތެރޭގައި ރާއްޖޭގެ ރަށްވެހިކަން ހޯދި އިންޑިއާގެ ދެ މީހަކު ހިމެނެއެވެ.

މިކަމުގެ މައުލޫމާތު ހޯދުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ގޯތި ދޭން އެކުލަވާލި ކޮމިޓީގެ ޗެއާ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް "ވަން" އިން ގުޅައި މެސެޖު ކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް އަކްރަމާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ވަގުތީ ލިސްޓުގައި އޮތީ ރަށްވެހިކަން ހޯދި ތިން މީހެއް ކަމަށެވެ. އަދި އެފަދަ އިތުރު މީހުން ލިސްޓުގައި ތިބިތޯ ބަލައި ދާއިމީ ލިސްޓު ނެރުމުގެ ކުރިން ވަގުތީ ލިސްޓު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެހެން ދިމާވީ ޝަރުތު ހަމަވާ މީހުން ކަނޑައެޅުމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން މައުލޫމާތު ނެގި އިރު، ސިޓިޒެންޝިޕް ނަގާފައި ތިބި މީހުން ދެނެގަތުމަށް އެދިފައި ނުވާތީ ކަމަށެވެ. އެއީ ސިޓިޒެންޝިޕް ނަގާފައި ތިބި މީހުން ކުރިމަތިލާފާނެ ކަމަށް އޭރު ލަފާނުކުރޭތީ ކަމަށާއި އެގޮތަށް ފާހަގަވި މީހުންގެ ނަންތައް ލިސްޓުން އުނިކުރަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓްރީން ވަނީ ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަޖިސްޓްރީ ވެފައި ނުވާ މީހުންނެވެ.

ނަމަވެސް އެ މީހެއްގެ މައިންބަފައިންގެ ތެރެއިން އެކަކު މާލެ ރައްޔިތެއް ކަމަށްވެފައި ސަރުކާރުން ހިންގާފައިވާ ސިޔާސަތެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު މިހާރު މާލެ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ވާނަމަ އެފަދަ މީހުން ވެސް ބަލާނީ މާލެ ރައްޔިތެއް ކަމުގައި ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.