ހައްޖުވެރިން އިންޓަނެޓް ބޭނުންކުރި ނިސްބަތް ބޮޑުތަނުން އިތުރުވެއްޖެއެވެ.

ސައުދީގެ ކޮމިއުނިކޭޝަން ސްޕޭސް ޓެކްނޮލޮޖި ކޮމިޝަންއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހައްޖު މޫސުމާ ގުޅިގެން މައްކާގައި އިންޓަނެޓް ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައެވެ.

އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން މިއަހަރުގެ ހައްޖު މޫސުމުގައި މައްކާގައި ހައްޖުވެރިން ވަނީ މިހާތަނަށް 4601 ޓެރަބައިޓްގެ އިންޓަނެޓްގެ ހިދުމަތް ބޭނުންކޮށްފައެވެ. މިއީ 1080ޕީ ކޮލިޓީގައި 1.89 މިލިއަން ގަޑިއިރަށް ވީޑިއޯ ސްޓްރީމް ކޮށްގެން ބެލުން ފަދަ ނިސްބަތެކެވެ.

ކޮމިޝަނުން ވަނީ އެވްރެޖް ކޮށް މައްކާގައި މީހަކު ދުވާލަކު 785 މެގަބައިޓްގެ އިންޓަނެޓް ބޭނުންކޮށްފައިވެއެވެ. މިއީ މުޅި ދުނިޔޭގައި އިންޓަނެޓް ބޭނުންކުރާ ނިސްބަތަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

މައްކާގައި އިންޓަނެޓް ސްޕީޑަށް ބަލާއިރު އެސިޓީގައި މޯބައިލް ޑައުންލޯޑްގެ އިތުރުން އަޕްލޯޑް ސްޕީޑް ހުރީ 785 މެގަބައިޓަށެވެ.

ކޮމިޝަނުން ވަނީ އެގައުމުގެ އިންޓަނެޓް ފެންވަރު ހައްޖު މޫސުމާ ދިމާކޮށް ތަރައްގީ ކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އިންޓަނެޓް ސްޕީޑް ރަނގަޅުކުރުމަށް ސައުދީ ރަސްގެފާނުގެ އިސްނެންގެވުމުގެ މަތިން ކުރި މަސައްކަތުން ހައްޖުވެރިން، އެމީހުންގެ އާއިލާ އާއި ގާތްމީހުންނާ ގުޅުން ބަދަހި ކުރުމުގެ މަގު ތަނަވަސް ވެފައިވާކަން ކޮމިޝަނުން ފާހަގަ ކުރެއެވެ.