މެންޗެސްޓާ ސިޓީން އާރްބީ ލެއިޕްޒިގުގެ ކްރޮއޭޝިއާ ސެންޓަ ބެކް، ޖޮސްކޯ ގްވާޑިއޯލް ހޯދަން މަސައްކަތް ކުރަމުންދާ އިރު، ލެއިޕްޒިގުން އޭނާއަށް ބޭނުންވާ އަގަކީ 100 މިލިއަން ޔޫރޯ (85.77 މިލިއަން ޕައުންޑް) ކަމަށް އިތުބާރު ނޫސްތައް ބުނެއެވެ.

ގްވާޑިއޯލްއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ރަނގަޅު އެއް ޑިފެންޑަރެވެ. އުމުރުން 21 އަހަރުގެ ސެންޓަ ބެކް ހޯދަން މީގެ ކުރިން ރެއާލް މެޑްރިޑާއި ޗެލްސީ ފަދަ ކްލަބުތަކުންވެސް މަސައްކަތް ކޮށްފައިވާ އިރު، ވޯލްޑް ކަޕަށްފަހު އޭނާގެ އަގު އިތުރަށް މައްޗަށް ޖެހިފައިވެއެވެ. ކްރޮއޭޝިއާއިން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފައިވާ އިރު، އެ ދަތުރުގައި ގްވާޑިއޯލްގެ ދައުރު ބޮޑެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަކީ ގްވާޑިއޯލްއަށް ސަޕޯޓުކުރާ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނާ ގޮތުން، ލެއިޕްޒިގް ދޫކޮށްލަން ބޭނުންވެ، ގްވާޑިއޯލް މިހާރު ވަނީ އެކްލަބަށް އެދިފައެވެ. އަދި ޕާސަނަލް ޓާމްސްއަށް ގްވާޑިއޯލްއާއި ސިޓީއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް އޭނާ ބުނެއެވެ.

ލެއިޕްޒިގާއެކު ގްވާޑިއޯލް ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާގެ ރިލީސް ފީއަކީ 110 މިލިއަން ޔޫރޯއެވެ. ލެއިޕްޒިގަށް އެ ފީއަށް ޑިމާންޑް ކުރެވެނީ އަދި އަންނަ އަހަރުއެވެ. އެހެންކަމުން މިފަހަރު ގްވާޑިއޯލް ދާން ބޭނުންވާނަމަ، ރިލީސް ފީގެ އަދަދު ނުދައްކައިވެސް ގެންދެވޭނެ ފުރުސަތު އެބައޮތެވެ.

މިހާރު ލެއިޕްޒިގުން ކިޔާ އަގުގައި ސިޓީން ގްވާޑިއޯލް ގެންގޮސްފިނަމަ، އޭނާ ވެގެންދާނީ ދުނިޔޭގެ ތާރީހުގައި އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ކްލަބަކަށް ގެންދިޔަ ޑިފެންޑަރަކީ 2019 ވަނަ އަހަރު 80 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ގެންދިޔައި ހެރީ މެގުއާއެވެ.