ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން، އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަނެއްކާވެސް އާ ކޮށްފިއެވެ.

ހިމްނާ އޭނާގެ 400 މީޓަރު އަންހެން ދުވުމުގެ ރެކޯޑު އަނެއްކާވެސް އާ ކޮށްފައި މިވަނީ، އެންމެފަހުން ރެކޯޑު އާކުރިތާ 10 ވަރަކަށް ދުވަހުގެ ފަހުންނެވެ.

ހިމްނާ، އަތުގައި މީގެ ކުރިންވެސް އޮތް 400 މީޓަރުގެ ރެކޯޑް އޭނާ ވަނީ މި މަހު މެދުތެރޭގައި ޖެމެއިކާގައި ކުރިއަށްދިޔަ އިވެންޓެއްގައި ދުވެ، 56.86 އިން ރޭސް ނިންމައިގެން އާ ކޮށްފައެވެ. އެ ރެކޯޑް، ހިމްނާ އަނެއްކާ އާ ކުރީ މިމަހު 24 ވަނަ ދުވަހު ޖެމެއިކަން އޯލް ކަމާސް މީޓުގައި ދުވެގެންނެވެ. މިފަހަރު ހިމްނާގެ ޓައިމިންއަކީ 56.24 ސިކުންތެވެ.

މިދިޔަ އަހަރު ގައުމީ ޓައިމް ޓްރަޔަލްގައި ދުވެ ހިމްނާ ފުރަތަމަ ފަހަރަށް 400 މީޓަރު ގައުމީ ރެކޯޑު މުގުރާލި އިރު، ޖެމައިކާގެ ތަމްރީނުތަކާއެކު ހިމްނާގެ ޓައިމިންއަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ.

ހިމްނާ ޖެމެއިކާގައި ތަމްރީނު ހަދަމުންދާ އިރު، މި އަހަރު އޮގަސްޓް މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެޕްޓެމްބަރު މަހު ޗައިނާގައި ބާއްވާ ހަންޒޫ އޭޝިއަން ގޭމްސްއަކީ އޭނާއަށް މުހިންމު ދެ މުބާރާތަށް ވާނެއެވެ.

ހިމްނާއަކީ މިވަގުތު ރާއްޖޭގެ 100 މީޓަރު ދުވުމުގެ އަދި 200 މީޓަރު ދުވުމުގެ ރެކޯޑްވެސް އޮންނަ އެތުލީޓެވެ.