މި އަހަރަކީ މިހާތަނަށް އެންމެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ އަހަރު ކަމަށް ސައުދީ އަރަބިއާ އިން ބުނެފިއެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަމަށް އެ ގައުމަށް ދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

މިހާތަނަށް އެންމެ މަދުން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެ އަހަރު ސައުދީން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނީ އެންމެ 10،000 މީހުންނަށެވެ. އެއީވެސް އެ ގައުމުގެ ރައްޔިތުންނަށް އެކަންޏެވެ.

އޭގެ ޖެހިގެން އައި އަހަރު، 2021 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ސައުދީން 59،000 މީހުންނަށް ހުއްދަ ދިން އިރު، މިދިޔަ އަހަރު މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.

ސައުދީން މި އަހަރުގެ ހައްޖު މޫސުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެއެވެ.