އެއްދުވަސްވަރެއްގައި އޭނާ މަޝްހޫރުވެފައިވަނީ ރައީސް ޕުޓިންގެ ބޮޑު ކައްކާގެ ނަމުންނެވެ. އޭނާގެ އަސްލު ނަމަކީ އިވްގޭނީ ޕްރިގޯޝިންއެވެ. އެއީ ޔުކްރޭނުގައި ރަޝިޔާ ސިފައިންނާ ބައިވެރިވެގެން ހަނގުރާމަކުރާ ރަޝިޔާގެ ކުލީ ސިފައިންގެ ފައުޖު ނުވަތަ ވެގްނާރ ގްރޫޕްގެ ވެރިޔާއެވެ. މި ފައުޖުން ޔުކްރޭނުގައި ދައްކަމުން އައި ހިތްވަރާއި ހޯދި ކުރިއެރުންތަކުގެ ސަބުބުން މުޅި ދުނިޔޭގައިވެސް ޕްރިގޯޝިން ވަނީ މަޝްހޫރު ވެފައެވެ. މިއަހަރުގެ އެޕްރީލްމަހު ޔުކްރޭނުގެ ބަޚުމުތު ހިފައި އެރަށުގައި ރަޝިޔާގެ ދިދަ ނެގީވެސް ވެގްނާރ ގްރޫޕުންނެވެ. ރަޝިޔާގެ ރަސްމީ ފައުޖުތަކަށް ނުކުރެވޭ ނުވަތަ ކުރަން ބޭނުންނުވާ ކިތަންމެ ކަމެއް ޕްރިގޯޝިންގެ ވެގްނަރ ގްރޫޕުން ވަނީ ކޮށްފައެވެ. އެހެންވީމާ މި ހަނގުރާމައިގައި އެއީ ރަޝިޔާއަށް ނުހަނު މުހިންމު ބައިވެރިއެކެވެ. ގެއްލިގެން ފަރުޖެއްސެންނެތް ބައިވެރިއެކެވެ.

ވެގްނަރ ގްރޫޕް ވަނީ ރަޝިޔާގެ ސަރުކާރާ ދެކޮޅަށް މިހަފުތާގައި ބަޣާވާތްކޮށްފައެވެ. ރަޝިޔާއާ އެއްކޮޅަށް ހަނގުރާމަކުރުން ހުއްޓާލައިފައި އެނބުރި ރަޝިޔާއަށް މިސްރާބު ޖަހައިފައެވެ. ޕްރިގޯޝިން ބުނިގޮތުން އޭނާގެ އަމާޒަކީ މިހާރު ރަޝިޔާގެ އަސްކަރިއްޔާގެ ޒައާމަތު ބަދަލު ކުރުމެވެ. އަދި ރައީސް ޕުޓިންގެ ވެރިކަންވެސް ނިމުމަކަށް ގެނައުމެވެ. މިކަން ކުރުމުގައި ހުރަހަކަށްވާ ކޮންމެ ބަޔަކާ ދެކޮޅަށްވެސް ހަނގުރާމަ ކުރާނޭ ކަމަށާއި ރަޝިޔާގެ އަސްކަރިއްޔާއެއް ރައީސް ޕުޓިންއެއް އެހެން އެއްޗަކަށް ނުބަލާނޭ ކަމަށްވެސް ޕްރިގޯޝިން ވަނީ ބުނެފައެވެ. ވެގްނާރ ގްރޫޕުގެ ވިސްނުމާއި ފިކުރަށް މިއައި ބަދަލުގެ ސިއްރަކީ ފައިސާކަމަށް ވެދާނެއެވެ. ވެގްނާރ ގްރޫޕަކީ ކުލީ ސިފައިންގެ ގްރޫޕެކެވެ. އެހެންވީމާ ގިނައިން ފައިސާދޭ ކޮޅަކަށް އިޚުލާސްތެރިކަންވެސް ދީލައިލީ ކަމަށް ވެދާނެއެވެ.

ރަޝިޔާގެ އަސްކަރީ ކޮމާންޑަރުންނާއި ޕްރިގޯޝިންގެ އަރައިރުމެއް ފެށިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޚާއްސަކޮށް ރަޝިޔާގެ ދިފާއީވަޒީރު ސާޖީ ޝެއިގޫއާމެދު ހިތްހަމަނުޖެހުމެއް އޮތްކަމަށް ޕްރިގޯޝިން ހާމަކުރިތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. މިހުރިހާ މައްސަލަތަކުގެ އަސްލު ގުޅިފައިވަނީ ފައިސާޔާއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެމެރިކާ އާއި ހުޅަނގު ޔޫރަޕުން ވަނީ ކޮންމެވެސް ގޮތަކުން ޕްރިގޯޝިންއަށް ފާލަމެއް އަޅައި މުވާސަލާތު ކޮށްފައެވެ. ބޮޑު އަދަދަކުން ފައިސާ ހުށައަޅައިފައެވެ. ނޭނގެނީ އަދަދެވެ. ޔަގީންވާ އެއްޗަކީ އަދަދު ކުޑައެއް ނުވާނެކަމެވެ. ޔުކްރޭނުގައި ރަޝިޔާއަށް ދެރަޔާއި ހަލާކު ލިބެން އޮތީވިއްޔާ އެކަން ކުރުމަށް ކިތަންމެ ބޮޑު އަގެއް ހުށައަޅަންވެސް ހުޅަނގުގެ ގައުމުތަކުން ތައްޔާރެވެ.

ވެގްނާރ ގްރޫޕުގެ ނިންމުމަކީ ރަޝިޔާގެ ޒައާމަތަށް ނުހަނު ބޮޑު ގެއްލުމެކެވެ. ތުރާލެކެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން އަވަސްއަވަހަށް ގައުމާ މުޚާތަބު ކުރެއްވުމުގެ ސިއްރަކީވެސް އެއީއެވެ. ރައީސް ޕުޓިން ވިދާޅުވިއެވެ. ވެގްނާރ ގްރޫޕުން އެކުރީ ބޮޑުވެގެންވާ ބަޣާވާތެކެވެ. ގައުމަށް ޣައްދާރުވުމުގެ އެންމެ މަތީ ދަރަޖައެވެ. އެހެންވީމާ އަދަބުވެސް ބޮޑުވާނެއެވެ. ޕްރިގޯޝިން އާއި އޭނާގެ ގްރޫޕަށް ސަލާމަތެއް ނުވެވޭނެއެވެ. ޕުޓިން މިހެން ވިދާޅުވިއަސް އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ވެގްނާރ ގްރޫޕުގެ ބަޣާވާތުގެ އަސަރު ކުޑައެެއްވެސް ނުވާނެއެވެ. އެމީހުން ހަނގުރާމަ ކުރަނީ ހަމައެކަނި ޔުކްރޭނުގައި އެކަންޏެއް ނޫނެވެ. ރަޝިޔާއިން ބުނީމާ ބުނާގޮތް ހަދަން ވެގްނާރ ގްރޫޕުގެ ހަނގުރާމަވެރިން ޔަމަނުގައި އެބަތިއްބެވެ. ސޫދާނާއި ލީބިޔާގައިވެސް އެބަތިއްބެވެ. އެހެންވީމާ މިނިންމުމާއި އޭގެ އުދާސްތަކުގެ އަސަރު ދުނިޔޭގެ އެތައް ހިސާބަކަށް ފޯރާނެއެވެ.

އިވްގޭނީ ޕްރިގޯޝިންގެ ބަޣާވާތުގެ ސަބަބުން ރަޝިޔާއަށް ގުޑުން އަރާނޭ މިންވަރާއި ރައީސް ޕުޓިންގެ ވެރިކަމަށް ފޯރާނޭ ނުރައްކަލުގެ މިންވަރު އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައެވެ. މިހާރު ޔަގީންވާ އެއްޗަކީ މިއީ ޔުކްރޭނުގެ ހަނގުރާމަ ފެށުނު ފަހުން ރައީސް ޕުޓިންގެ އެންމެ ބޮޑު ސިހުންކަމެވެ. އެހެންވާނެތާއެވެ. ޕްރިގޯޝިން މީހަކަށް ހައްދަވައި ބާރުވެރި ކުރެއްވީ ރައީސް ޕުޓިންއެވެ. މިހާބޮޑު ހަރާންކޯރުވުމެއް އޭނާގެ ފަރާތުން އަތުވެދާނޭ ކަމަށް ޕުޓިން ހީފުޅުވެސް ކުރައްވާފައިނުވެއެވެ. އުމުރުން މިހާރު 62 އަހަރުވީ ޕްރިގޯޝިންއަކީ ކާކުބާވައެވެ؟ ފެށުމަކީ ކޮބައިބާވައެވެ. އޭނާގެ މާޒީއާއި ވަނަވަރަށް ބަލައިލަމާބަހީއެވެ.

ޕްރިގޯޝިންގެ އެންމެ ޒުވާން އުމުރު އޭނާ ހޭދަކުރީ ޖަލުގައެވެ. ވައްކަމާއި މާރާމާރީގެ ކުށް ސާބިތުވެގެންނެވެ. ޖަލުން މިނިވަންވީމާ ސެންޓް ޕީޓާސްބާގުގައި ދެންފެށީ އާދައިގެ ރެސްޓޯރަންޓު ވިޔަފާރިއެކެވެ. ޕުޓިންއަކީ އެދުވަސްވަރު ސެންޓް ޕީޓާސްބާގުގެ ޑެޕިއުޓީ މޭޔަރެވެ. ދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދުނީ އެދުވަސްވަރުއެވެ. މި ރަހުމަތްތެރިކަމުގެ ބާރުގައި ޕްރިގޯޝިން ވަނީ އޭނާގެ ކޭޓަރިން ވިޔަފާރި އެތައް ގުނައެއް ފުޅާކޮށް ކުރިއަރުވައިފައެވެ. ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްތައް ލިބިގެންނެވެ. ޕުޓިންގެ ބޮޑު ކައްކާގެ ނަން ލިބުނު ގޮތަކީ އެއީއެވެ. ވެގްނާރ ގްރޫޕަކީ އެންމެ ފުރަތަމަ ވަރަށް ސިއްރިޔާތުގައި އުފެއްދި ގްރޫޕެކެވެ. މައިގަނޑު ގޮތެއްގައި މުޖުރިމުން ލައިގެންނެވެ. ޕްރިގޯޝިން ބުނާގޮތުގައި އޭނާގެ ގްރޫޕްގައި ބައިލައްކަ ހަނގުރާމަވެރިން އެބަ ތިއްބެވެ.