އިންތިހާބަށް ކުރިމަތިލާން އޮންނަ މުއްދަތު އިތުރުކުރުމަށާއި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތް ހެދުމަށް ދެ ގާނޫނަކަށް ގެނައި ދެ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އޮންނަ މުއްދަތު އިތުރު ކުރުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ބިލު، މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލުން އިސްލާހު ގެނަސްފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށެވެ. މިހާރު އެ މާއްދާގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އެ ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.

ރައީސް އިއްޔެ ތަސްދީގު ކުރެއްވި އިސްލާހުގައި ވަނީ، އިލެކްޝަނަށް ހުށަހެޅުމަށް އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށެވެ.

ރައީސް ސޯލިހު މިއަދު ވަނީ ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރާ އިސްލާހުވެސް ތަސްދީގު ކުރައްވައިފައެވެ.

"އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް" އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހުމާދެވެ. އިސްލާހު ފާސްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އެ ވަގުތު ހާޒިރުވެ ތިއްބެވި 52 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

"ރިޔާސީ އިންތިހާބުގެ ގާނޫނު" އަދި "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" އަށް ގެނައި އިސްލާހު ރައީސް ސޯލިހު ތަސްދީގުކުރެއްވުމުން އެ ގާނޫނުތައް މިއަދު ވަނީ ގެޒެޓްކޮށް، އަމަލުކުރަން ފަށައިފައެވެ.