ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކުރުމުގެ ބަދަލުގައި އެ މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އ.ތ.މ.ކގެ މެންބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރިކަމުގެ ތުހުމަތުގައި ދައުވާކުރުމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
އެއްބަސްވުން ހަދާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ބުންޏެވެ.
- ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ހަސަން ހަކީމް
- ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަހުމަދު
- ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް
- ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ސަލާހު
- ރ. ދުވާފަރު، ވިލެޖް، މުހައްމަދު ޝާމް
- ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުހައްމަދު ނާސިހު
- ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުހައްމަދު އަލީފުޅު
ޕީޖީ އޮފީހުން ބުނީ, އެ މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމީ, މައްސަލައިގެ ތަހުގީގުގައި އިއުތިރާފުވެ, އެ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދުމުން ކަމަށެވެ. އަދި އެކަމުގައި އެ އޮފީހުން ބައެއް ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑަށާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރަށާއި ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކަށާއި ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތަށާއި ދައުލަތަށް ބަދަލު ލިބިފައިވުމަށް އަދި މައްސަލާގައި ދައުވާއެއްކޮށް ކުރިއަށް ގެންގޮސްފި ނަމަ ކަނޑައެޅިދާނެ އަދަބަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ, އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށްފައިވާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލޭނެކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު