އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުންތައް އީދު ބަންދަށްފަހު ފުލުފުލުގައި ތާވަލުކޮށްފިއެވެ.

ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާއިރު، ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ހުރިހާ ދައުވާއެއްވެސް ކުރިއަށްގެންދަނީ އެކުއެކީގައި އެއް މަޖިލީހެއްގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންްޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ކުރިމިނަލް ކޯޓުން ވަނީ އަންނަ މަހުގެ 2، 4، 6، 9، 11 އަދި 13 ވަނަ ދުވަހަށް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށް އެ އޮފީހަށް އަންގައިފައި ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.