މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހާޒިރުކޮށްފިއެވެ.
ނާޒިމް މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި އެ ހިޔާނަތް ހިނގި ދުވަސްވަރު ކަމަށްވާ 2015 ވަނަ އަހަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް ނުވަ އަހަރު ކުރިން ހިނގާފައިވާ މައްސަލައަކާ ގުޅިގެން އޭނާ އޭސީސީއަށް ހާޒިރުކުރީ އަގުވައްޓާލުމުގެ ގޮތުންނާއި ރައްޔިތުން އޭނާއަށް ކުރާ އިތުބާރު ކަނޑުވާލުމަށް ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމަށާއި އޭނާ އޭސީސީއަށް ހާޒިރުކުރީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ފެންވަރުގެ މަގާމުތަކުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހަކަށްވާއިރު، މިހާ ހިސާބަށް އައި އިރު، އަޅުގަނޑުގެ ހިޔާނާތުގެ ނުވަތަ ފައިސާގެ މައްސަލައެއް ދުވަހަކުވެސް ޖެހިފައިނުވާއިރު، މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގަވާ މިފަދަ އަމަލުތަކަކީ ދިވެހި ރައްޔިތުންވެސް ގަބޫލުކުރާނޭ ކަމެއް ނޫން ކަމުގައި އަޅުގަނޑު ދެކެމެވެ" ނާޒިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިވަން މުއައްސަސާތަކަށް މިހާރު މަސައްކަތް ނުކުރެވޭ ކަމަށާއި އެ މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ނުކުރެވެނީ ދައުލަތުން ކަންކަން ކުރަމުންދާ ގޮތުގެ ސަބަބުން ކަމަށެވެ. އަދި ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށާއި އެކަމަށް އިސްނަންގަވާ މީހުންގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށާއި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިނިވަން މުއައްސަސާތައް ބޭނުންކުރައްވައިގެން، ރިޔާސީ ކެންޑިޑޭޓުންނަށް ބިރުދެއްކުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ކުރާ މިފަދަ ފިނޑި އަމަލުތައް އަޅުގަނޑު ބަލައެއް ނުގަންނަން" ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު