އޮމްބަޑްސްޕާސަންގެ އޮފީހުގެ އިންވެސްޓިގޭޓަރަކު މުވައްޒަފުންނަށް ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހާ މަސައްކަތްކުރާ އޮފީހުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް އަދި ބިރު ދައްކަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާތީ، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ރަސްމީކޮށް އެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން ވަނީ މި މަހުގެ 13 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އެ އަމުރުގެ މުއްދަތު އިއްޔެ ހަމަވެފައިވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު ފުރިހަމަ ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށެވެ.