ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފުލެޓު ފަރާތްތައް ކަނޑައަޅައި، އޭގެ ލިސްޓު ބޮޑު އީދު ބަންދުގެ ކުރިން އިއުލާނު ނުކުރި ނަމަވެސް މި މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފުލެޓުދޭނެ ފަރާތްތައް ކަނޑައަޅައި އިވެލުއޭޓު ކުރުމަށް އެކުލަވައިލި ހާއްސަ ކޮމެޓީ، "ގެދޮރުވެރިންގެ ކޮމިޓީ" ގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،800 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައެވެ. އެ ފަރާތްތައް އިންތިޒާރުގައި ބައިތިއްބައިގެން މިނިސްޓްރީން އަންނަނީ އެކިފަހަރު އެކި މުއްދަތުތައް ދެމުންނެވެ.
އެގޮތުން "ވަން" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި އަކްރަމް ވަނީ ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން، ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަހަރުގެ މާޗު މަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އަކްރަމް ދެއްވި އެ މުއްދަތު ފަހަނަ އަޅައި ދިޔަ އިރުވެސް ލިސްޓު އާއްމުކޮށްފައިނުވާ އިރު، މި މަހުގެ ހަތް ވަނަ ދުވަހު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އެ ލިސްޓުތައް ބޮޑު އީދުގެ ކުރިން އިއުލާނުކުރާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
"މިމަހު ލިސްޓް އިއުލާން ކުރާނަން. ބޮޑު އީދުގެ ކުރިން އިއުލާނު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އެ އިންޓަވިއުގައި އަކްރަމް ވިދާޅުވެފައިވެއެވެ.
ބޮޑު އީދު ޗުއްޓީއަށް ސަރުކާރު ބަންދުވުމުގެ ކުރިން އެ ލިސްޓު އާއްމުކުރެއްވޭނެތޯ "ވަން" އިން މިއަދު ސުވާލުކުރުމުން އަކްރަމް ވިދާޅުވީ އީދު ބަންދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު ލިބޭނެ ކަމަށް ވިދާޅުނުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިމަހު އެ ލިސްޓު އާއްމުކުރަން ކަމަށާއި އެގޮތަށް އެކަން ވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ނޯންނާނެ ދުވަހަކުވެސް ބުނެފައެއް އީދު ބަންދުގެ ކުރިން ލިސްޓު އާއްމުކުރާނެ ކަމަށް. ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިމަހު އެ ލިސްޓު އާއްމުކުރަން. އެގޮތަށް އެކަންވާނެ" އަކްރަމް މިއަދު ވިދާޅުވި އެވެ.
ބޮޑު އީދާ ގުޅިގެން މި މަހުގެ 23 ވާ ހުކުރު ދުވަހުން ފެށިގެން 1 ޖުލައިވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ. އެހެންކަމުން އީދު ޗުއްޓީގެ ކުރިން ސަރުކާރު ހުޅުވާފައި ހުންނާނީ މިއަދާއި މާދަމާ އެކަންޏެވެ. މި ދެ ދުވަސްތެރޭ އެ ލިސްޓު އާއްމުކުރެވޭނެ ތޯ ސުވާލުކުރުމުން އަކްރަމް ސީދާ ޖަވާބެއް ނުދެއްވިއެވެ. އަދި ބަންދުވުމުގެ ކުރިން ލިސްޓު އާއްމު ނުކުރެއްވިއްޖެ ނަމަ، ސަރުކާރު ބަންދު ތެރޭގައި ލިސްޓު އާއްމުކުރައްވާނެތޯ ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ނުދެއްވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
"އަޅުގަނޑު ތިސުވާލަކަށް ޖަވާބެއް ނުދޭނަން. އަޅުގަނޑުމެން މިމަސްތެރޭ އިއުލާނު ކުރާނަން،" އަކްރަމް ވިދާޅުވިއެވެ.
އީދު ޗުއްޓީއަށް ސަރުކާރު ބަންދުވުމުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު ސަރުކާރުން އާއްމުކުރުމާ މެދު ސުވާލު އުފެދިފައި ވީ ނަމަވެސް ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް ރޭ ޕްލޭނިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އަކްރަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގެދޮރުވެރިޔާ ޕްރޮޖެކްޓުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންނަނީ ހުޅުމާލޭގައި 32 ޓަވަރެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތައް 2024ގެ ނިޔަލަށް ނިންމާލޭވޭނެ ކަމަށް އެފްޑީސީން ކުރިން ލަފާކުރި ނަމަވެސް އެ މުއްދަތަށް ނިންމާލެވޭނީ އެއްބައި ޓަވަރުތައް ކަމަށް އެފްޑީސީން ވަނީ މިދިޔަ ހަފުތާގައި ބުނެފައެވެ. އަދި ބާކީ ޓަވަރުތައް ނިމޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރަނީ 2025ގެ ކުރީ ކޮޅަށެވެ. އަދި މިހާތަނަށް ނިމިފައިވަނީ އެންމެ ޓަވަރެއްގެ ސްޓްރަކްޗާ ކަމަށާއި އަހަރު ނިމެންވާ އިރަށް ނިންމާލެވޭނީ އަށް ޓަވަރު ކަމަށްވެސް އެފްޑީސީން މިދިޔަ ހަފުތާގައި ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ގެދޮރުވެރިޔާ ޕްރޮޖެކްޓުގެ ދަށުން ބިންވެރިޔާ ސްކީމުން 5000 ގޯތި ދޫކުރަން ނިންމާފައިވާ އިރު، އެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އޭގެ ތެރެއިން 1000 ގޯތި ދޫކުރަނީ ހުޅުމާލެއިން ދޫކުރަން ނިންމާފައިވާ އިރު، އެ ސްކީމަށް ހުށަހަޅާފައިވާ ފޯމުތައް އިވެލިއުއޭޓް ކުރުމުގެ ޕްރޮސެސް ނިމެންވާއިރަށް ގޯތި ދިނުމަށް ނިންމާފައިވާ ބިން ސާފުކޮށް، އިން ޖަހައި، ކަޑަޖެހުމަށް ވާންޖެހޭ ތައްޔާރީތައް އާބަންކޯ އިން މިދިޔަ ޖެނުއަރީ މަހު ވަނީ ފަށައިފައެވެ. އެ މަސައްކަތް ދެ ހަފުތާ ތެރޭ ނިންމާލެވޭނެ ކަމަށް އާބަންކޯ އިން އޭރު ބުނި ނަމަވެސް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު