އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް

އެސްޓީއޯ، ވެމްކޯ، އާބަންކޯގެ އިތުރުން އާރްއާރްސީ އަދި ފެން ކްލަބުވެސް ފެށުން ރަނގަޅުކޮށްފި

ބައިބަލާ އެސޯސިއޭޝަނުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ބައިބަލާ މުބާރާތް، އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް ރޭ ފަށައިފިއެވެ.

ޖުމަލަ ނުވަ ޓީމަކާއެކު ރޭ ހުޅުމާލޭގައި ފެށި އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭ އިރު، ގްރޫޕް ބީގައި ވާދަކުރާނީ ހަތަރު ޓީމަކުންނެވެ. ކޮންމެ ގްރޫޕަކުންވެސް ދެ ޓީމު ސެމީ ފައިނަލަށް ދާއިރު، ސެމީގެ މެޗުތައް އޮންނާނީ ތިން ރޭ ވަންދެން ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދިއުމަށްފަހުއެވެ. މިފަހަރުގެ މުބާރާތުގައި އޮފީސްތަކުންވެސް ރާއްޖޭގެ ބައިބަލާގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ފެނިގެންދެއެވެ.

އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް ރޭ ފަށާފައިވާ އިރު، މުބާރާތުގައި ފުރަތަމަ ކުޅުނު މެޗަކީ ގްރޫޕް އޭގެ މެޗެކެވެ. ފުރަތަމަ މެޗު އެސްޓީއޯއިން ސީދާ ދެ ގޭމުން ގެންދިޔަ އިރު، ފުރަތަމަ ގޭމް އެތެރެއިން ކުޅެ އެސްޓީއޯއިން ގެންދިޔައީ 19-4 އަކުންނެވެ. އަދި ދެވަނަ ގޭމް ބޭރުން ކުޅެ އެސްޓީއޯއިން ގެންދިޔައީ 13-0 އިންނެވެ.

ރޭގެ ދެވަނަ މެޗުގައި ކުޅެން އޮތީ މޯލްޑިވިއަން އާއި ފެން ކްލަބެވެ. އެ މެޗަށް މޯލްޑިވިއަން ހާޒިރުނުވުމުން ސީދާ ދެ ގޭމުން ފެން ކްލަބަށް ވަނީ މެޗު ލިބިފައެވެ. އެ މެޗަކީ ގްރޫޕް ބީގެ މެޗެކެވެ. ރޭ ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުގައި ކްލަބު ވެމްކޯއިން ކްލަބު އެފްއެމްޓީ ބަލިކުރީ 2-0 އިންނެވެ. ވެމްކޯއިން ގޭމްތައް ގެންދިޔައީ 10-0 އަދި 15-9 އިންނެވެ. ގްރޫޕް ބީގެ ދެވަނަ މެޗުގައި ރޭ އާބަންކޯއިން ސީދާ ދެ ގޭމުން އެމްޕީއެލް ބަލިކުރި އިރު، ފުރަތަމަ ގޭމް އާބަންކޯއިން ބޭރުން ކުޅެ ގެންދިޔައީ 10-6 އަކުންނެވެ. ދެވަނަ ގޭމުގައި އެތެރެއިން ކުޅެ އާބަންކޯއިން ގޭމް ގެންދިޔައީ 10-5 އިންނެވެ.

ރޭގެ ފަހު މެޗަކީ ގްރޫޕް އޭގެ މެޗެކެވެ. އެ މެޗުގައި އާރްއާރްސީން ވަނީ ޓީމް އެމްޓީސީސީ ކައިރިން ދެ ގޭމުން މޮޅުވެފައެވެ. ގޭމްތައް ގެންދިޔައީ 14-2 އަދި 7-16 އިންނެވެ.

ބައިބަލާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ކުޅެމުން އަންނަ އެންމެ ޒަމާންވީ ސަގާފީ އެއް ކުޅިވަރެވެ. ރާއްޖޭގައި ރަސްމީކޮށް ބައިބަލާ ބާއްވަން ފެށީ ތާރީހު ދައްކާ ގޮތުން 1996 ވަނަ އަހަރުއެވެ. އޭގެފަހުން ބަރާބަރަށް ކޮންމެ އަހަރަކުވެސް ބައިބަލާގެ މުބާރާތްތައް ދިޔައީ ބާއްވަމުންނެވެ. އެއީ ކްލަބުތަކަށް ހުޅުވާލައިގެންނެވެ. މިއަހަރުވެސް ފޯރިގަދަކޮށް މުބާރާތް ފެނިގެން ގޮސްފައިވާ އިރު، މިއީ އޮފީސްތަކުގެ މެދުގައި މުބާރާތް ކުޅެވޭނެ ފުރަތަމަ ފަހަރެވެ.

މިއަހަރު އާބަންކޯ ބައިބަލާ ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ ވަން ސްޕޯޓްސްއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސާފައިވާ އިރު، އެސްޓީއޯއަކީވެސް މެއިން ޕާޓްނަރެކެވެ. ކޯ ސްޕޮންސަރުންނަކީ ސްޓެލްކޯއެވެ. މުބާރާތް ކުރިއަށްދަނީ ޔޫތު މިނިސްޓްރީއާވެސް ގުޅިގެންނެވެ. މިރޭވެސް މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.

މިރޭ އޮންނަ މެޗުތައް

8:30 އެސްޓީއޯ - ވެމްކޯ (ގްރޫޕް އޭ)
9:00 ކްލަބު ފެން - އާބަންކޯ (ގްރޫޕް ބީ)
9:30 އާރްއާރްސީ - އެމްއެފްޓީ (ގްރޫޕް އޭ)
10:00 މޯލްޑިވިއަން - އެމްޕީއެލް (ގްރޫޕް ބީ)
10:30 އެމްޓީސީސީ - ވެމްކޯ (ގްރޫޕް އޭ)