އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް

އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް"

ބައިބަލާ އެސޯސިއޭޝަނުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ބައިބަލާ މުބާރާތް، އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޖުމަލަ ނުވަ ޓީމަކާއެކު މާދަމާ ރޭ ހުޅުމާލޭގައި ފަށާ އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭ އިރު، ގްރޫޕް ބީގައި ވާދަކުރާނީ ހަތަރު ޓީމަކުންނެވެ. ކޮންމެ ގްރޫޕަކުންވެސް ދެ ޓީމު ސެމީ ފައިނަލަށް ދާއިރު، ސެމީގެ މެޗުތައް އޮންނާނީ ތިން ރޭ ވަންދެން ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދިއުމަށްފަހުއެވެ. މިފަހަރުގެ މުބާރާތުގައި އޮފީސްތަކުންވެސް ރާއްޖޭގެ ބައިބަލާގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ފެނިގެންދާނެއެވެ.

މިރޭ "ވަން އޮންލައިން"ގެ އޮފީހުގައި ބޭއްވި އެއްބަސްވުމުގައި އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ބޯޑު މެމްބަރު މުހައްމަދު އަސީލެވެ. އަދި "ވަން ސްޕޯޓްސް" ގެ ފަރާތުން ސޮއިކުރެއްވީ "ވަން މީޑިއާ ގްރޫޕް"ގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.

ބައިބަލާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ކުޅެމުން އަންނަ އެންމެ ޒަމާންވީ ސަގާފީ އެއް ކުޅިވަރެވެ. ރާއްޖޭގައި ރަސްމީކޮށް ބައިބަލާ ބާއްވަން ފެށީ ތާރީހު ދައްކާ ގޮތުން 1996 ވަނަ އަހަރުއެވެ. އޭގެފަހުން ބަރާބަރަށް ކޮންމެ އަހަރަކުވެސް ބައިބަލާގެ މުބާރާތްތައް ދިޔައީ ބާއްވަމުންނެވެ. އެއީ ކްލަބުތަކަށް ހުޅުވާލައިގެންނެވެ. މިއަހަރުވެސް ފޯރިގަދަކޮށް މުބާރާތް ފެނިގެން ގޮސްފައިވާ އިރު، މިއީ އޮފީސްތަކުގެ މެދުގައި މުބާރާތް ކުޅެވޭނެ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އީދު ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދިޔައެވެ. ހާއްސަކޮށް ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިން ފެނިގެން ގޮސްފައިވާ އިރު، މުބާރާތް ބޭއްވީވެސް ގިނަ ސްޕޮންސަރުންނެއްގެ އެއްބާރުލުމާއެކުގައެވެ. އެސޯސިއޭޝަންގެ ފަރާތުން ބައިބަލާ ޒަމާނީކޮށް، ފުރިހަމަ ކުޅިވަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މިދިޔަ ދެތިން އަހަރެއް ތެރޭގައި ބައިބަލާ މުބާރާތްތައް ފެނިގެން ދިޔައީ ވަރަށް ޕްރޮޝަނަލްކޮށެވެ.

އާބަންކޯ ބައިބަލާ ޗެލެންޖްގެ ގްރޫޕްތައް

ގްރޫޕް އޭ

  • އެމްޓީސީސީ
  • އެސްޓީއޯ
  • ވެމްކޯ
  • ކްލަބު އެފްއެމްޓީ މޯލްޑިވްސް (އެމްއެފްޓީ)
  • އާރުޑީސީ

ގްރޫޕް ބީ

  • މޯލްޑިވިއަން
  • ކްލަބު ފެން
  • އާބަންކޯ
  • އެމްޕީއެލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސާފައިވާ އިރު، އެސްޓީއޯއަކީވެސް މެއިން ޕާޓްނަރެކެވެ. ކޯ ސްޕޮންސަރުންނަކީ ސްޓެލްކޯއެވެ. މުބާރާތް ކުރިއަށްދާނީ ޔޫތު މިނިސްޓްރީއާވެސް ގުޅިގެންނެވެ. މުބާރާތުގެ ފުރަތަމަ ރޭގައި ފަސް މެޗެއް ކުރިއަށްދާނެއެވެ. އެއީ ގްރޫޕް ބީގެ ދެ މެޗާއި ގްރޫޕް އޭގެ ތިން މެޗެވެ.

މާދަމާ ރޭ އޮންނަ މެޗުތައް

9:00 އެމްޓީސީސީ - އެސްޓީއޯ (ގްރޫޕް އޭ)
9:30 މޯލްޑިވިއަން - ކްލަބު ފެން (ގްރޫޕް ބީ)
10:00 ވެމްކޯ - އެމްއެފްޓީ (ގްރޫޕް އޭ)
10:30 އާބަންކޯ - އެމްޕީއެލް (ގްރޫޕް ބީ)
11:00 އާރްޑީސީ - އެމްޓީސީސީ (ގްރޫޕް އޭ)