ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރުގެ ނުރައްކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދުރުގައި ތިބެ، ދުރާލައި ރާވައިގެން ހިންގާ ޓެރަރިޒަމްގެ ފިނޑި އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް އެ ނުރައްކާ ފެތުރިފައިވާ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ އެކުވެސް އެ ނުރައްކާ ވަނީ ފެތުރިފައި ކަމަށެވެ.

"ސަލާމަތީ ގޮތުން ބަލާއިރު، ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ. ދެ ނަން ކިޔަސް، މިއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް އަތުކޮޅަށް ދަމާލާފައި އޮތް ކަނޑިއެއްގެ ވަރަށް ތޫނު ދެމިޔަ،" ރައީސް ވިދާޅުވިއެވެ.

އެފަދަ ނުރައްކާތެރި ކުށްތަކުން ރާއްޖެ ސަލާމަތްކޮށް ދިނުމަށްޓަކައި ސިފައިން ތިބީ ތައްޔާރަށް ކަމަށާއި އިލްމީ ގޮތުންނާއި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގެ ސިފައިން ދިވެހި އަސްކަރިއްޔާގައި އެބަތިބި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އެކި ފަރާތްތަކުން ދަނީ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގުމަށް މަސައްކަތް ކުރަމުން ކަމަށާއި އެފަދަ ކުށްތަށް ކުރަން އުޅޭ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވުމަށް ސިފައިންގެ ކޯސްޓުގާޑުގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ވަނީ ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔުގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްކަނޑު ބެލެހެއްޓުމަށް ކޯސްޓުގާޑުން އަންނަނީ ބުރަ މަސައްކަތެއް ކުރަމުން ކަމަށާއި 2019 ވަނަ އަހަރު ކޯސްޓު ގާޑުން ވަނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ރާއްޖެއިން ބޭރުގެ 64 ބޯޓެއް ހިފަހައްޓާފައި ކަމަށެވެ.