އިންޑިއާ އިން އެކްސްޕޯޓް ކުރި މޫދުކާނާގެ މިންވަރު, އަގުގެ ގޮތުންނާއި ބަރުދަނުގެ ގޮތުންވެސް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން, މިދިޔަ އަހަރު އިންޑިއާ އިން ވަނީ 1.7 މިލިއަން ޓަނުގެ މޫދުކާނާ އެކްސްޕޯޓްކޮށްފަ އެވެ.

އެއީ އަގުގެ ގޮތުން 8.09 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރު އެކްސްޕޯޓް ކުރި މިންވަރަށްވުރެ 26.73 ޕަސެންޓް އަދި އަގުގެ ގޮތުން 4.31 ޕަސެންޓް އިތުރުވުމެކެވެ.

ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން, މިދިޔަ އަހަރު އެކްސްޕޯޓް ކުރި މޫދުކާނާގެ ތެރޭގައި އެންމެ ގިނައީ ފިނިކުރި ޑިނގަ އެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓް ކުރީ ފިނިކުރި މަހެވެ. އެގޮތުން މިދިޔަ އަހަރު 687.05 މިލިއަން ރުފިޔާގެ ފިނިކުރި މަސް އެކްސްޕޯޓް ކުރި އެވެ.

އިންޑިއާގެ މޫދުކާނާއަށް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ އެމެރިކާ, ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަންގެ މާކެޓްތަކުންނެވެ.