ހުޅުމާލޭގެ ރައްޔިޔުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އާބަންކޯއިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމްއެވެ. ސްމާޓް ސިޓީއެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަސާސީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން މިފަހަރު މިފާހަގަކޮށްލަނީ މުޅި ހުޅުމާލެ ކަވަރުކުރާގޮތައް ގާއިމުކޮށްފައިވާ ވަޔަލެސް އައިއޯޓީ ސެންސާ ނެޓްވޯކްގެ ވާހަކައެވެ.

ދާދިފަހުން ހުޅުމާލޭ ހިޔާ ފްލެޓް ތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކަށް ބަލައިލަމާ ތޯއެވެ. މިފަދަ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ވީހާވެސް އަހަށް އެކަމަށް އިޖާބަދިނުމެވެ. މިކަމުގައި އާއްމު ފަރާތްތަކުން ރިޕޯޓުކުރަންވާއިރަށް އަލިފާނުގެ ހާދިސާއެއް އެސްކަލޭޓު ވެގެން ދާން އެލިބޭ ވަގުތު އެއީ ވަރަށް މުހިއްމު ވަގުތު ކޮޅެކެވެ. އަލިފާނުގެ ހާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމް ސިސްޓަމްތައް ގިނަފަހަރަށް ބެލެހެއްޓުންވެސް ވެފައިވަނީ ތަކުލީފު ބޮޑު މަސައްކަތަކަށެވެ.

ދެން އޮތީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސާ އެއް ހަރުކުރުމުން އިންޓަނެޓް ނުހުންނަ ވަގުތަކުގައި އޭގެ އިތުބާރު ހިފޭނެ މިންވަރާ ގުޅޭ ސުވާލެވެ. މިފަދަ ކަންކަމަށް ހައްލެއް ހޯދައިދެނީ އެކަމަށް ހާއްސަކޮށް ގާއިމުކުރެވޭ ނެޓްވޯކަކުންނެވެ. އެގޮތުން މިހާރު ހުޅުމާލޭގައި ސްމާޓްކޮމް އިން ގާއިމުކޮށްފައިވާ ވަޔަލެސް ސެންސާ ނެޓްވޯކަކީ މިފަދަ ސެންސަރުތަކަށް ހާއްސަ ނެޓްވޯކެކެވެ. އަލިފާނުގެ ހާދިސާތައް ދެނެގަތުމުގައި ކަމާބެހޭ ފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް މިފަދަ ނިޒާމެއްގެ ތެރެއިން ފަހިކުރެވިދާނެއެވެ.

މިފަދަ ނެޓްވޯކެއް ގާއިމުކުރުމުގެ ސަބަބުން އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވެގެން ދެއެވެ. ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މިނެޓްވޯކް ބޭނުން ކުރެވިދާނެއެވެ. އަދި ހަމައެހެންމެ، ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތައާރަފުކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެއެވެ. ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް "ސްމާޓް އިރިގޭޝަން"ގެ އެހީގައި ލުއި ކުރެވިދާނެއެވެ. މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރެވިދާނެއެވެ. މީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަސީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރު ކުރެވިދާނެއެވެ. ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުން ކުރަންޖެހޭ އެތަކެއް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާއެކު މިފަދަ ނެޓްވޯކަކާ ގުޅައިލެވިދާނެއެވެ.

ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ އާއްމު ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލައެވެ. ހާއްސަކޮށް މޫދުކައިރި އާއި އަތިރިމަތީގައި ކޮތަޅާއި ފުޅި ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތި ކަމެކެވެ.

ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ފާހަގަކުރާ ގޮތުގައި ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެޑަސްބިންތައް ހުސްކުރުން ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްމާޓްކޮމް އިން މިވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސް ހިސާބު ބަލައިލެވެއެވެ. އެންމެ ގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެކެވެ.

ސްމާޓްކޮމްއިން ގާއިމުކޮށްފައި މިވަނީ ލޯރާވޭން އައިއޯޓީ ސެންސާ ނެޓްވޯކެކެވެ. މިއީ މިއަދު ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުކުރަމުންދާ އެންމެ ފުރިހަމަ އައިއޯޓީ ނެޓްވޯކްގެ ބާވަތެކެވެ. މިނެޓްވޯކުގެ ހާއްސަކަމަކީ ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ މިންވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ އުމުރު ދިގުވުމެވެ. އާއްމު ގޮތެއްގައި މިފަދަ ސެންސަރެއްގެ ބެޓެރީގެ އުމުރަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދެވެ. މިއީ ޑިވައިސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެކެވެ.

ސްމާޓްކޮމްގެ އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާފަދަ ސްމާޓް ހިދުމަތްތައް ތައާރަފުކުރުމެވެ. އަދި ރައްޔިތުންނާ އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިންފްރާސްޓަރަކްޗާ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ. އެންމެންގެ ބައިވެރިވުމާއެކު މިއީ ކުރެވިދާނެ ކަމެކެވެ.