ވިޔަފާރި

އައިފޯން 15ގައި ހިމެނޭނެކަމަށް ބެލެވޭ އާ ފީޗާތައް!

މުހައްމަދު އައުޒަމް

އެޕަލް އިން މިއަހަރުގެ ސެޕްޓެމްބަރުގައި އާ އައިފޯން ނެރޭނެ ކަމަށް ހަބަރު ފެތުރިފައިވާއިރު، އާ އައިފޯނުގައި ހިމެނޭނެ ކަމަށް ބެލެވޭ އާ ފީޗާތަކާ ބެހޭގޮތުން ޓެކްނޮލޮގީ ޕްލެޓްފޯމްތަކުގައި އަންނަނީ އެކި ދިރާސާތަކުގެ އެހީގައި ހަބަރު ފަތުރަމުންނެވެ.

އައިފޯން 15 ގައި ހިމެނޭނެކަމަށް ބެލެވޭ އާ ފީޗާތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަށް ބަލާއިރު މިއަހަރު ނެރޭ ފޯނުގައި އެހެން އައިފޯންތަކާއި ހިލާފަށް ޓައިޓޭނިއަމް ފްރޭމް ހިމެނޭނެކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް އެޕަލް އިން ނެރެފައިވާ އައިފޯންތަކުގައި ހުންނަނީ ސްޓެއިންލެސް ސްޓީލް ފްރޭމް އެވެ.

އައިފޯން 15 އާ ބެހޭގޮތުން ދެން ފާހަގަކޮށްލެވޭ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރަނީ ޗާޖިން ޕޯޓަށް އަންނާނެ ބަދަލެވެ. ފުރަތަމަ ފަހަރަށް އައިފޯން ޗާޖިންޕޯޓް ސީޓައިޕް އަށް ބަދަލުވާނެކަމުގެ ހަބަރުތައް ވަނީ ފެތުރިފައެވެ. އައިފޯން 15 ނިކުންނާނީ ސީޓައިޕް ޗާޖިން ޕޯޓަކާއިއެކު ކަމަށް ހަބަރުތައް ބުނެއެވެ.

އެޕަލްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން މެކް އާއި އައިޕެޑް ޕްރޯގައި ހިމަނާފައިވާ ވައިފައި 6އީގެ ފީޗާ އައިފޯން 15 އަށް އަންނާނެކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެހެން އައިފޯންތަކާއި ހިލާފަަށް އައިފޯން 15 ގައި 8ޖީބީ ރެމްއެއް ހުންނާނެކަމަށް ޓެކްނޮލޮޖީ ހަބަރު ފަތުރާ ބައެއް ނޫސްތައް ބުނެއެވެ. މިހާތަނަށް އެޕަލްއިން ނެރެފައިވާ އައިފޯންތަކުގައި އެންމެ މަތިން ހިމެނެނީ 6ޖީބީ ރެމްއެކެވެ.

އައިފޯން 15ގައި ހިމެނޭނެކަމަށް ލަފާކުރެވޭ އެންމެ ތަފާތު އަނެއްކަމަކީ އެކްޝަން ބަޓަނަށް އަންނަ ބަދަލެވެ. ޓެކްނޮލޮޖީގެ ބައެއް ދިރާސާވެރިން ބުނާގޮތުގައި އައިފޯން 15 ގައި ހިމެނޭ އެކްޝަން ބަޓަން ކަސްޓަމައިޒް ކުރެވޭނެ އެވެ. އެގޮތުން އެކްޝަން ބަޓަން އިންގް ސައިލެންޓް ނުވަތަ ފްލެޝްލައިޓް ނުވަތަ ލޯ ޕަވާ މޯޑް ފަދަ އެކި މޯޑުތަކަށް ބަދަލު ގެނެވޭނެކަމަށް ބައެއް ދިރާސާވެރީން ވަނީ ބުނެފައެވެ. މިހާތަނަށް ނެރެފައިވާ އައިފޯން ތަކުގެ އެކްޝަން ބަޓަން އިން ހަމައެކަނި ކުރެވޭނީ ރިންގް އަދި ސައިލެންޓް އެވެ.

އައިފޯން 15 އަށް އެތަކެއް އެޕަލް ފޭނުންނެއް އިންތިޒާރުކުރަމުން އަންނައިރު މިފަހަރު ނެރޭ ފޯނަކީ އެޕަލް އައިފޯނަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ފޯނެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.