ގައުމު އިސްލާހުނުވާ ކަމަށްވާނަމަ އެމްޑީޕީގައި ހުންނަން އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވާނެ ކަމަށް ވިދާޅުވެ ޕާޓީން ވަކިވެވަޑައިގަތުމުގެ އިޝާރާތެއް، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ 13 މެމްބަރަކު ހިމެނޭ ގޮތަށް ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާފައިވާ ކަމަށެވެ. އެކަމަށް ފުރުސަތު ނުދެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަ ކުރެއްވީ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސީ ހައްގުތައް ރާއްޖެއަށް ހޯދައިދެއްވުމަށް ކަމަށެވެ. ވަރަށް ގިނަ ބައެއްގެ މަސައްކަތުން އެ ހައްގުތައް ކޮންމެވެސް މިންވަރަކަށް ހޯދައިދެވިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރަކުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތަރުހީބު ދިނުން ނޫން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމަކީ ދެރަކަމެއް ކަމަށެވެ.
"އަޅުގަނޑު މިކަމާ ކަންބޮޑުވޭ، މިހާރު މި ހުރި ޕާޓީގައި މި އަމަލުތައް ހިންގަމުން ގެންދާ ކަމަށް ވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއް ވެފައިވީ ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން. އަޅުގަނޑަށް ވަރަށް އުނދަގޫ. އާދެ އަޅުގަނޑު ވަރަށް ދެރަވޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިސްލާހުގެ މަގުން ގޮސް، ރައްޔިތުންގެ ތަނަވަސްކަމާއި އުންމީދުތައް ލިބެން އޮތީ އަސާސީ ހައްގުތައް ރައްކާތެރިކޮށްދީގެން ކަމަށެވެ. އަސާސީ ހައްގުތައް ރައްކާތެރިކުރުމަށް އަލުން އަނބުރާ މަސައްކަތެއް ފަށަން ޖެހިވަޑައިގެންފިނަމަ، އެމަސައްކަތްވެސް ފަށަން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު