ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލައަށް، ވާހަކަ ދައްކަވަން ބޭނުންވާ މެންބަރުން މަޖިލިސް ތަޅުމުގައި ނެތުމުން، އެ މައްސަލަ މަޖިލިސް އެޖެންޑާއިން އެއްފަރާތްކޮށްފިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މި އިމްތިޔާޒުގެ މައްސަލަ ޖަލްސާއަށް ހުށަހެޅުމުން، މެންބަރުން ނަންގަވަން ފެއްޓެވި ނިޒާމީ މައްސަލަތަކާ ބެހޭގޮތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށް މަޖިލިސް ޖަލްސާ މެދު ކަޑައިލުމަށްފަހު ވިއްސަކަށް މިނެޓް ފަހުން ޖަލްސާ ފެށުމަށްފަހު، ރިޔާސަތުގައި އިންނަވައި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އެ މައްސަލައިގައި ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ތެރެއިން މެންބަރަކާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނުވަތަ އެ ލީޑަރު ކަނޑައަޅާ މެންބަރަކަށް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، އަމިއްލަ މެންބަރުންގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަ ދެއްކެވިއެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށްވެސް ފުރުސަތު ދެއްވިއެވެ.

އެއައްފަހު، 10:303 ގައި ބްރޭކަށް ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ.

އެއަށްފަހު 11:00 ގައި ޖަލްސާ ފެށުމަށްފަހު، އަފީފު ވިދާޅުވީ، އެ މައްސަލައަށް ވާހަކަ ދައްކަވަން ހަތަރު މެންބަރުން އެބަ ތިއްބެވި ކަމަށާއި އެ މެންބަރުން ތަޅުމުގައި ނެތް ކަަމށެވެ. އަދި އެ މެންބަރުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން އިމްތިޔާޒުގެ މައްސަލަަ ބޭއްވުމަށްފަހު އެޖެންޑާގައި ހިމެނޭ އެހެން މައްސަލަތައް ކުރިއަށް ގެންދަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ލޯފަން މީހުންނަށް އެހީތެރިއަކާ ނުލައި އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން މުޅި މަޖިލީހުގެ ކޮމިޓީން ގާސްކޮށްފައިވާ ރިޕޯޓިގެ މަސައްކަން ކުރިއށްގެންދަން ފެއްޓެވިއެވެ.

އެހިސާބުން އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވިއެވެ. ވިދާޅުވެމުން ގެންދެވީ އެއީ މަޖިލިސް ހިނގާ އުސޫލު ނޫން ކަމަށެވެ. ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ މެންބަރު ޖަލްސާގައި ނެތްނަމަ، މީގެ ކުރިންވެސް މަޖިލީހުގައި އަމަލު ކުރަމުން އަންނަ ގޮތަކީ އިތުރަށް އެ މެންބަރަށް ފުރުސަތު ނިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވާހަކަ ދައްކަން އެދި ވަޑައިގެންފައިވާ މެންބަރު ޖަލްސާއަށް ވަޑައިގަންނަހާ ދުވަހެއް ވަންދެން މައްސަލަ ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވާހަކަ ދައްކަން އެދިވަޑައިގެންނެވުމަށްފަހު، މެންބަރު ވާހަކަ ދައްކަން ބޭނުން ނޫނަސް ސިފައިން ފޮނުވައިގެން އެ މެންބަރު މަޖިލީހަށް ހާޒިރުކޮށްގެން ނަމަވެސް ވާހަކަ ދައްކުވަން ޖެހޭތޯ، ވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރިޔާސަތާ ސުވާލު ކުރެއްވިއެވެ.

އަފީފު ވިދާޅުވީ، އިމްތިޔާޒުގެ މައްސަލައަށް ވާހަކަ ދައްކަން ބޭނުންވާ މެންބަރުންނަށް އެފުރުސަތު ދިނުމަށް ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި އިމްތިޔާޒުގެ މައްސަލައަކީ ނިންމަން ވަކި ވަގުތެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.