ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ވޯޓު ދިން މެންބަރުންގެ ނަންތައް ހާމަ ކުރުމުން، ބިރު ދައްކައި އިންޒާރު ދެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަލީ ނަޝާތު މިއަދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3،560 ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ޕާޓީ ރަޖިސްޓްރީވުން ލަސްވާތީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އިއްޔެ ހަވީރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ރޭ އެ ބޭފުޅުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮމިޝަންގެ ދެ މެންބަރަކު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާ ދެކޮޅަށް ވޯޓު ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށާއި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވި ދެ މެންބަރުންނަކީ އަލީ ނަޝާތު އަދި މުހައްމަދު އާސިފު ކަމަށެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ނަޝާތު މިއަދު ވިދާޅުވީ، ޑިމޮކްރެޓްސްއަށް ހުއްދަ ނުދޭން ނުނިންމާ ކަމަށާއި އެދިފައިވާނީ އަވަސް އަރުވާލައިގެން ފޯމުތައް ޕްރޮސެސްކުރުމުގެ ކަންކަން ނުކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ޖަލްސާގައި ޑިމޮކްރެޓްސްގެ ހުއްދަ ނުދޭކަށް ނޫން ނިންމީ. އަޅުގަނޑުމެން ހުށަހެޅުމެއް ހުށަހަޅާފައި އޮއްވައި އެއަށް ވޯޓަށް ނާހައި ރައީސް ވޯޓަށް އެއްސެވީ 3،000 ފޯމު އޮތްކަން ރައީސަށް ކަށަވަރުވާތީ އެއަށް ވޯޓަށް އެހީ. މި ޖަލްސާގައި މަޝްވަރާއެއް ނުކުރޭ ތިން މަހަށް ދަންމާލާކަށް ނުވަތަ ލަސް ކުރާކަށް. އަޅުގަނޑުމެން ހަމައެކަނި ބުނަމުން ދިޔައީ އަވަސް އަރުވާލައިގެން ކުރާކަށް ބޭނުމެއް ނޫނޭ. އެހެންވެ ވޯޓު ނުދީ ވާނީ،" ނަޝާތު ވިދާޅުވިއެވެ.
ނަޝާތު އާއި އާސިފް ވޯޓު ނުދެއްވުމުން މީސްމީޑިއާގައި އަންނަނީ އެ މެންބަރުންގެ ފޮޓޯ ޖަހައި އިންޒާރު ދެމުންނެވެ.
އެކަމާ ގުޅިގެން ނަޝާތު ވިދާޅުވީ، އޭނާއަށާއި އާއިލާއަށް ވެސް ބިރު ދައްކައި އިންޒާރު ދެމުންދާ ކަމަށެވެ. އެހެންވެ، އޭނާ ހުރީ ބިރުވެރިކަމެއްގައި ކަމަށާއި ކޮމިޝަނަށްދާންވެސް ޖެހިލުންވާ ކަމަށެވެ.
"ޑިމޮކްރެޓްސްއިން ރޭގައި ގޮވަމުންދިޔަ އަޅުގަނޑުގެ ގޭދޮށް އެއްވެ ކަންކަން ކުރަން. ބައްޕައަކީ ބަލި މީހެއް. ދެން ޝޯޝަލް މީޑިއާގައި އެބަހުރި ސްކްރީންޝޮޓްތައްވެސް. ހަމަ އާއިލާއަށް ނުބިވެނޭއޭ މަޑަކުންނެއް، އާއިލާގެ ދުވަސްވެސް ހިނގައިދާނެއޭ، ހުރިހާ އެއްޗެއްވެސް އެބަހުރި. ދެން އަޅުގަނޑު އޮފީހަށް ދާން ބިރުގަނެއޭ މި ބުނަނީ އެތަނަށް އެބަ ވައްދާ 25 އަކަށް މީހުން. އެ 25 މީހުން އެތަނުގައި އަޅުގަނޑުމެންނަށް ހަމަލާއެއް ދީފިއްޔާ ކާކުތޯ ޒިންމާވާނީ؟،" ނަޝާތު ވިދާޅުވިއެވެ.
ނަޝާތު ވިދާޅުވީ، ޕްރޮޓޮކޯލްތައް އޮންނަ ގޮތުން މީޓިންތަކަށް ވަންނަ މީހުން ކުރިއާލައި އެނގެން ޖެހޭނެ ކަމަށާއި ވަގުތުން މީޓިންތަކަށް އެޕޮއިންޓްމެންޓް ދިނުމަކީވެސް އުސޫލާ ހިލާފު ކަމަށެވެ.
"މިއީ ހަމަ ސީދާ ރައީސް އެންޓަޓައިން ކޮށްދޭ ކަންކަން،" ނަޝާތު ވިދާޅުވިއެވެ.
ނަޝާތު އިތުރަށް ވިދާޅުވީ، އެ މައްސަލައިގައި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ގޮތްތަކާއި އެނޫން ވެސް ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ޑިމޮކްރެޓްސްއަށް ހުއްދަ ނުދޭން ވޯޓު ދިނީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު