މިސްރުގެ އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އަލުން ހިމަނައިފިއެވެ.

މިކަން އާންމުކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތަށް ހަމަޖައްސަވައިދެއްވީތީ މިސްރުގެ ފޮރިން މިނިސްޓަރު ސަމެހް ޝުކްރީއަށް ޝުކުރު ދަންނަވައިފައެވެ.

ޝާހިދު ވިދާޅުވީ 14 ޖޫން 2023 އިން ފެށިގެން މިސްރަށް "ވިސާ އޮން އެރައިވަލް" ލިބޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އަލުން ހިމަނާފައިވާ ކަމަށާއި އެއީ ރާއްޖެއާއި މިސްރާ ދެމެދު އޮތް ހާއްސަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

މިހާރު ވެސް ދިވެހި ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނުނަގައި ދަތުރުކުރެވެ އެވެ. އޭގެތެރޭގައި ބަންގްލަދޭޝް، ބޫޓާން، އިންޑޮނީޝިޔާ، އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ގަތަރު، ރަޝިޔާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެއެވެ.