ރާއްޖޭގެ ފުރަތަމަ އިންޓަނެޓް ގަވަނެންސް ފޯރަމް (އައިޖީއެފް) ނިންމާލައިފިއެވެ.

މި މަހުގެ 16 އިން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ތަފާތު އެކި ދާއިރާތަކުގެ ބައިވެރިވުމާއެކު ޖުމުލަ 13 ސެޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އައިޖީއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރުގެ އައިޖީއެފްގައި ޖަމިއްޔާތަކާއި ޓެލެކޮމް ހިދުމަތްދޭ ފަރާތްތަކާއި ތައުލީމީ ދާއިރާއާއި ޓެކްނޮލޮޖީ ދާއިރާގެ އެކި ފަރާތްތަކާއި ގާނޫނު ހަދާ ފަރާތްތަކާއި ލޯކަލް ކައުންސިލްތަކާއި ޒުވާނުން، އަދި އަމިއްލަ ވިޔަފާރިތަކުން އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ އަދި އިންޓަނެޓް ގަވަނެންސް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ހުށަހެޅުންތަކެއް ހުށަހެޅިއެވެ.

ބަޔާނުގައިވާ ގޮތުގައި މި ފޯރަމް އިފްތިތާހުކޮށްދެއްވައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ ވަނީ ޓެކްނޮޮލޮޖީ ބޭނުންކުރުމުގެ ފަރަގު ކުޑަކުރުމަށާއި ޓެކްނޮލޮޖީން ގެނުވާ ބައިބައިވުން ކުޑަކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ނިންމާ ނިންމުންތަކަކީ ވަށާޖެހޭނެ ގޮތެއްގައި ތަންފީޒުވެގެން ދާނެ ސިޔާސަތުތަކެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޒްްނާ ވަނީ އިންޓަނެޓްގެ ހިދުމަތަކީ އެއްވެސް ފަރާތެއް ބާކީނުވާނެހެން އެކަށީގެންވާ އަގެއްގައި ކޮންމެ ދިވެއްސަކަށްވެސް ލިބެން ޖެހޭނެ ހިދުމަތެއްކަމުގައި ވިދާޅުވެފައެވެ.

މޯލްޑިވްސް އައިޖީއެފް އެކްޒެކެޓިވް ކޮމިޓީގެ ފަރާތުން ވާހަކަދެއްކެވި އަބްދުﷲ ސާމިރު ފާހަގަކުރެއްވި ގޮތުގައި އައިޖީއެފްގެ މަޝްވަރާތަކާއި ހިޔާލުތަކަކީ އިންޓަނެޓް ގަވަަނަންސްގެ ދާއިރާގައި މަސައްކަތްކުރާ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސަރުކާރުތަކާއި އެހެނިހެން ޖަމިއްޔާތަކަށް އަގުހުރި ކަންކަމަށް ވެގެންދާނެ ކަމަށެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއިން އައިޖީއެފް މޯލްޑިވްސް މިފަހަރު ރާވައިފައިވަނީ ޔޫއެސްއެއިޑް, ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އެހީތެރިކަމާއެކުގައެވެ.

  • ރާއްޖެއަށް އިތުރު އިންޓަނެޓް ސާވިސް ޕްރޮވައިޑަރަކަށް ޖާގަ އޮތް މިންވަރު އަދި މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނައިނޮވޭޓިވް ސާވިސް ޕްރޮވައިޑާތަކަށް ޖާގަ ދިނުން
  • ގައުމީ ފެންވަރުގައި ޓެކްނޮލޮޖީގެ އުފެއްދުންތައް އިތުރުކުރުމާއި ހިދުމަތްތަކުގައި ޓެކްނޮލޮޖީގެ ބޭނުންކުރުމާއި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދިނުން
  • އީޖާދުތަކުގައި ދިވެހި ބަސް ބޭނުންކުރުމަށް ދިވެހި ބަހުގެ ޓޭޑާބޭސް އުފެއްދުންތެރިންނަށް ބޭނުންކުރެވޭނެ ގޮތެއް ހެދުމުގެ މުހިންމުކަން
  • އިންޓަނެޓް އިންފްރާސްޓްރަކްޗަާއަށް ކުރާ އިންވެސްޓްމެންޓް ހަރުދަނާކޮށް އޭގެ ފައިދާ ރާއްޖެއަށް އެންމެ ރަނގަޅަށް ކުރާނެ ގޮތައް ޕްލޭންކުރުން
  • އިންޓަނެޓް އަދި ޓެކްނޮލޮޖީގެ ކުރިއެރުމާއި އެއްވަރަށް ބޭނުންވާ މިންވަރަށް ޓެކްނޮލޮޖީއާއި ގުޅުންހުރި އެކި ދާއިރާތަކުން މީހުން ބިނާކުރުން، ހާއްސަކޮށް މީހުން ބިނާކުރުމާއި ޓެކްނޮޮލޮޖީ ދާއިރާއިން ޓީޗަރުން ބިނާކުރުން
  • އިންޓަނެންޓް ގަވަނެންސްއާ ގުޅުންހުރި ކަންތައްތަކުގައި އެކި ފަންނުތަކުގެ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން
  • މައުލޫމާތު ހޯދުމުގެ ހައްގު ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި, ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން
  • އާންމު ހިދުމަތްތައް ޑިޖިޓައިޒް ކުރުމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެހެން އެ ހިދުމަތްތައް ފަރުމާކުރުން، އަދި މިފަދަ ނިންމުންތަކުގައި މުޖުތަމައުގެ އެކިފަރާތްތަކުގެ ހިޔާލު ހޯދުން
  • ޓެކްނޮލޮޖީ އަދި އިންޓަނެޓަކީ އެއްވެސް މީހަކު ބާކީ ނުވާނެހެން ދެވޭ އެފޯޑަބަލް ރައްކާތެރި ހިދުމަތަކަށް ވުން
  • އޮންލައިންކޮށް ދިމާވާ ފުރައްސާރަތަކާއި ހިދުމަތްތަކުން އަންހެނުންނާއި ޒުވާނުން ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުން
  • އެކި ފަރާތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އަދި ހިދުމަތްތަކުގައި ނުކުޅެދޭ މީހުންނަށް ވެސް ބޭނުން ކުރެވޭގޮތަށް ހެދުން
  • ޑިޖިޓަލް ލިޓްރަސީ އަދި ސައިބާ ސެކިއުރިޓީއަށް އާންމުން ހޭލުންތެރިކަން އިތުރުކުރުން
  • ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ނިންމުމުގައި ޒުވާނުން ދެކޭ ގޮތާއި ހިޔާލު ހޯދުމާއި ޒުވާނުން ބައިވެރިކުރުން
  • އާޓިފިޝަލް އިންޓެލިޖެންސްގެ އަޚުލާގާއި އެކި ފަރާތްތަކުން މިފަދަ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ވިސްނަންވީ މުހިންމުކަންކަން
  • ސައިބާ ސެކިއުރިޓީއަށް ސަރުކާރު އަދި ޕްރައިވެޓް ސެކްޓާ އިން އިސްކަން ދިނުމުގެ މުހިންމުކަމާއި ދެވޭނެ ގޮތްތައް
  • ކައުންސިލްތައް ހިންގުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުން
  • އީޖާދީ އައު ޓެކްނޮލޮޖީތައް ތައާރަފުވަމުން ދާއިރު އެއާއެކުގައި އަންނަން ޖެހޭ ގާނޫނުތަގާއި ސްޓޭންޑާޑްތައް އަވަހަށް އެކުލަވާލުމުގެ މުހިންމުކަން
  • ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ޕްރައިވެސީ އަދި ފްރީޑަމް އޮފް ސްޕީޗްގައި ގެންގުޅޭ ހަމަތައް
  • ޓެކްނޮލޮޖީ ދާއިރާގައި ކެރިއާ ގައިޑެންސް ދިނުމާއި ސްކޫލް ކަރިކިއުލަމްގައި ކޮމްޕިއުޓާ ސައިންސް ހިމެނުން
  • މުއައްސަސާތަކުން މައުލޫމާތު ހިއްސާކުރުމުގައި ގެންގުޅޭ އުސޫލުތަކައް ޒަމާނާ އެއްގޮތަސް ބަދަލު ގެނައުން އަދި ޕްރޯއެކްޓިވް ގޮތެއްގައި މުހިންމު މައުލޫމާތުތައް އާންމުކޮށް ލިބޭނެހެން ހިއްސާކުރުމަކީ ހިދުމަތްދޭ ފަރާތްތައް އަދި ލިބިގަންނަ ފަރާތްތަކަށްވެސް ފައިދާކުރާނެ ކަމެއްކަމުގައި މުއައްސަސާތަކުން ވިސްނުން
  • މުއައްސަސާތަކުގައި ބޭނުންވާ ވަސީލްތަތަކާއި، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް ގާބިލުކަން ނެތުމުގެ ސަބަބުން އޯޕަން ޑޭޓާ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިމާވެފައިވާ ހުރަސްތައް ނައްތާލުން
  • ޓެކްނޮލޮޖީ ދާއިދާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން އަދި މި ދާއިރާއައް ޝައުއުގު އުފެއްދުން
  • އީޖާދު ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރާއި ޕްރައިވެޓް ސެކްޓާ އިން ކުރާ ހޭދަ އިތުރުކުރުން
  • ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއް ބާރުމިނުގައި ބަދަލުތައް ގެނެވޭނެ ތައުލީމީ މަންހަޖު އަދި އޮނިގަނޑުތަކަށް ބަދަލުގެނެވޭނެ އިންތިޒާމެއް އޮތުން

މި ފޯރަމްގައި ދިރާގު، އުރީދޫ މޯލްޑިވްސް، އޮކްސިކާ، ޖަވާބު ޕްރައިވެޓް ލިމިޓެޑް، އެސޯސިއއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް އެސޯސިއޭޝަން، ވިމެން އިން ފުވައްމުލައް، ވިމެން އިން ޓެކް މޯލްޑިވްސް، ނޫނު އަތޮޅު ކައުންސިލް، އެންސީއައިޓީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ޖެންޑާއިން ސެޝަންތަކުގައި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އައިޖީއެފުން ބުންޏެވެ.

  • ޑިޖިޓަލް ޑިވައިޑް ކުޑަކުރުން
  • ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން
  • ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން
  • އީޖާދީ އައު ޓެކްނޮލޮޖީތައް
  • ޑިޖިޓަލް އިކޮނޮމީއެއް ބިނާ ކުރުމަށް ޖާގަދިނުން
  • ސައިބާ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް

އައިޖީއެފްގެ އަސާސީ މަގުސަދަކީ އިންޓަނެޓް ގަވަނަންސްއާ ބެހޭގޮތުން އެކި ފަންތީގެ މީހުންގެ މެދުގައި މަޝްވަރާ ކުރުމާއި، ބެސްޓްޕްރެކްޓިސް ހިއްސާކުރުމާއި ހިޔާލު ހޯދުމުގެ އިތުރުން، ބިނާކުރަނިވި މަޝްވަރާތަކަށް މަގުހުޅުވާލުމެވެ.