އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކިޔުއްވާފައިވާ ލަވައެއް ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ.
ނަޝީދު ކިޔުއްވާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ "ހަންހާރަ" އަލްބަމަށް އޭނާ ކިޔުއްވާފައިވާ "ލޯބީގެ ހާދިސާ"، މި ލަވައެވެ.
ނަޝީދުގެ އަޑުން ކިޔުއްވާފައިވާ އެ ލަވައިގެ ރިމޭކް އާއްމުކުރީ، ޓުވީޓާގައި އުޅޭ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ. އެ އެކައުންޓަކީ ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ކަމަށް އަޑުފެތުރުނު ނަމަވެސް އެމަނިކުފާނު ވަނީ އެ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެ، އެ އެކައުންޓުގެ މައުލޫމާތު ހޯދައިދިނުމަށް ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.
ނަޝީދު ކިޔުއްވާފައިވާ "ލޯބީގެ ހާދިސާ" ލަވައިގެ ކަޑިތަކުގައި ވަނީ، ނޭނގި ހުއްޓާ ލޯބިވާ މީހަކު ހިތަށާއި މެޔަށް ހަންޖަރު ހެރުމަށްފަހު ވަކިވާ ވާހަކައެވެ. އަދި އެކަން އެހެން ވަނީ ތަގުދީރުގައި އެކަންވާން އޮތުމުން ކަމަށް ބުނެއެވެ.
ނަޝީދުގެ އެ ލަވައަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު، ބައެއް މީހުން އެ ލަވަ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާވެސް ގުޅުވައިފައެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކުޑައިރުއްސުރެ ވެސް އެކުވެރީންނެވެ. ސިޔާސީ ކަންކަމުގައިވެސް ވަރަށް އެކުއެކީގައި އުޅުއްވި މިތުރުންނެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު އެމްޑީޕީ ދެ ފަޅިވެ، ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ކެނޑި ހަތުރުންނަަށް ބަދަލުވެގެންދިޔައެވެ. ނަޝީދު އެމްޑީޕީގައި ހުންނެވި ނަމަވެސް، އެމަނިކުފާނު އަމަލުތައް ހުންނެވީ، ޕާޓީގެ އަސާސްތަކާ ދިމާ އިދިކޮޅަށެވެ. އެހެންވެ ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރައްވަން މިހާރު ވަނީ، މައްސަލަވެސް ވައްދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު