ޗައިނާ މީހަކު ބަރުދަނުން 100 ކިލޯ ލުއިކުރަން އުޅެނިކޮށް މަރުވެއްޖެއެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ މީހަކު ވަނީ އޭނާގެ މަޝްހޫރުކަން އިތުރުކުރުމަށް ބޫޓް ކޭމްޕެއްގައި ބައިވެރިވެފައެވެ.

އުމުރުން 21 އަހަރުގެ ޗޫހުއާ ނަމަކަށްކިޔާ އެ މީހާ ވަނީ އޭނާގެ ބަރުދަނުން ދެބައިކުޅަ އެއްބައި ކަމަށްވާ 100 ކިލޯ ލުއި ކުރުމަށް ބޫޓު ކޭމްޕުގައި ބައިވެރިވެ ކުރުމުއްދަތެއްގައި އަވަހަށް ހިކުމަށް ވަރަށް ބުރަކޮށް ކަސްރަތު ކުރަން މަސައްކަތް ކޮށްފައެވެ.

ޗޫހުއާ ވަނީ އޭނާގެ އެތައްހާސް ފޮލޯވަރުންނަށް އޭނާ ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގެ ވީޑިއޯ ކޮންމެ ދުވަހަކު ވެސް ހިއްސާކޮށްފައެވެ. ޗޫހުއާ ވަނީ އޭނާގެ ބަރުދަން 156 ކިލޯއަށް ލުއިވެއްޖެ ކަމަށް ބުނެ އޭނާގެ ޓާގެޓަކީ 100 ކިލޯ ދުއްވާލުން ކަމަށް ބުނެފައެވެ.

ދެމަހުން 27 ކިލޯ ބަރުދަނުން ލުއިކޮށް ޗޫހުއާ ވަނީ އޭނާގެ ޓިކްޓޮކްގައި ވީޑިއޯ މެދުވެރިކޮށް ނަތީޖާ ހާމަކޮށްފައެވެ.

ޗައިނާގެ ނޫސްތަކުން ވަނީ ޗޫހުއާ މަރުވުމުގައި ބޫޓް ކޭމްޕްގެ އިހުމާލު އޮތްކަމަށް ބުނެފައެވެ. ޗޫހުއާގެ އާއިލާއަށް ބޫޓްކޭމްޕުން ބަދަލު ދިން ކަމަށްވެސް ނޫސްތަކުން ބުނެއެވެ. ކޮންމެ ކަމެއްގައިވެސް ހަށިގަނޑަށް ތަކާ މިންވަރަށް ކަންކަން ކުރުމުގެ މުހިންމުކަން ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ.