މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރުއެޅުމަށް "މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ ނަމުގައި ހިންގާ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ސާފުކުރުމުގެ ހަރަކާތް މުޅި ރާއްޖޭގައި މިއަދު ފަށައިފިއެވެ.
ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ ދަށުން ހިންގާ ސާފުކުރުމުގެ ހަރަކާތް މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށް ރާއްޖޭގެ 250 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނެއެވެ.
ޕާލޭ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި ސްކޫލު ދަރިވަރުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާންމުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމާއި މޫދުން ޕްލާސްޓިކް ނެގުމުގެ މަސައްކަތްތައް އެ ހަރަކާތުގެ ތެރެއިން މިއަދު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނައިބު ރައީސް ވަނީ އެ ހަރަކާތުގައި މާލެއިން ބައިވެރިވި ބައިވެރިންނާ ބައްދަލުކުރައްވައި، އަމަލީގޮތުން ސާފުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައެވެ.
"މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ ދަށުން ހަތަރު ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެ ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާއި ކަނޑުފަޅު ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަށް "އޯޝަން ޕްލެޖް" ވައުދުގައި ބައިވެރިވުމާއި، މާކަނޑުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ "އޯޝަން ލެސަން"ގެ އިތުރުން ރަށްރަށުގެ ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމާއި، ކަނޑާއި ފަޅުތެރެ އަދި ފަރުމަތި ސާފުކުރުމަށް ހިންގާ ހަރަކާތް ހިމެނެއެވެ.
"މޯލްޑިވްސް ފޯ ދި އޯޝަންސް" ޕްރޮގްރާމުގެ ތެރެއިން ކަނޑުވެށި ރައްކާތެރިކުރުމާ ގުޅޭ ރެކޯޑުތަކެއް ގާއިމުކުރުމަށް ވެސް ޕާލޭ މޯލްޑިވްސް އިން ވަނީ އަމާޒު ހިފައިފައެވެ. އެ ޕްރޮގްރާމުގެ ދަށުން ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް 50،000 އަށްވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް އަމާޒު ހިފާފައިވާ އިރު، ކަނޑާއި ފަޅުތެރެ އަދި ފަރުމަތި ސާފުކުރުމަށް ހިންގާ ހަރަކާތް ކުރިއަށްގެންދިއުމަށް އަމާޒު ހިފާފައިވަނީ އެއްފަހަރާ 1000 އަށްވުރެ ގިނަ މީހުން ޑައިވްކޮށްގެންނެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމުގެ ދަށުން ހިންގާ "އޯޝަން ޕްލެޖް" ހަރަކާތުގެ އަމާޒަކީ 10،000 އަށްވުރެ ގިނަ މީހުންގެ ސޮއި ހޯދުމެވެ. އެ ހަރަކާތުގެ އަމާޒު މިހާރު ހާސިލުކުރެވިފައިވާ އިރު، ޕާލޭ މޯލްޑިވްސްގެ ވެބްސައިޓުން ދައްކާގޮތުން މިހާތަނަށް 11،500 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު