ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ވިލިނގިލިން 38 އަހަރުގެ ދިވެހި ފިރިހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 1:10 ގައެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ކައުންސިލު އަދި އާއްމުން ގުޅިގެން ކުރަމުންދިޔައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ހެނދުނު "ވަން" އަށް ވިދާޅުވީ ގެއްލުނު މީހާ ރޭ ދަންވަރުގެ ވަގުތެއްގައި ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކައުންސިލުގެ ރައީސް ވިޝާލް މުހައްމަދާއި ނައިބު ރައީސް އާއިޝަތު ނަޒްދާއަށް "ވަން" އިން ގުޅުމުން، އެ ބޭފުޅުން ފޯނަށް ޖަވާބުނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހަކު އިއްޔެ "ވަން" އަށް ކިޔައިދިން ގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ އެ ރަށު ރަތްވިލާގޭ އަހުމަދު އައްސަދު އެވެ. އޭނާ ގެއްލުމުގެ ކުރިން އިއްޔެ ހަވީރު އާއިލީ މައްސަލަތަކެއް ޖެހިގެން، އައްސަދު އޭނާގެ މަންމަ ގާތަށް ދާނީ ކަމަށް ބުނެ ދިޔަ ގޮތަށް ހަބަރެއް ނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އައްސަދު މަންމަ ގާތަށް ދާނީ ކަމަށް ބުނެ ދިޔަ ނަމަވެސް، އޭނާގެ މަންމަ ދުނިޔޭގައި ނެތްކަމަށްވެސް އެ މީހާ ބުންޏެވެ.