ބާރުގަދަ ތޫފާން "ބައިޕާޖޯއީ" އަރައި ޕާކިސްތާނާއި އިންޑިއާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ތޫފާން ބައިޕާޖޯއީ ޕާކިސްތާނާއި އިންޑިއާ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އިރު، ތޫފާނުގެ ބާރުމިން ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

ގަޑިއަކު 100 ކިލޯމީޓަރަށް ވައިޖެހި ބޯކޮށް ވާރޭވެހެމުންދާ އިރު، އިންޑިއާގެ ގުޖުރާތުގެ އައްސޭރިފަށާއި ޕާކިސްތާނު ބޯޑަރު ހިމެނޭ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފެން ބޮޑުވުމާއި އެކި ހާދިސާތައް ހިނގަމުންދާ އިރު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ތޫފާނުގެ އަސަރު ސީދާގޮތެއްގައި ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ތޫފާނުގެ ސަބަބުން އިންޑިއާއިން މިހާތަނަށް ނުވަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއި ޕާކިސްތާނުގެ އާމީ އިން މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށައިފައެވެ.