ސްކޫލް ކުދިންގެ މެދުގައި ބާއްވާ ލަވަކިޔުމުގެ އެންމެ ބޮޑު އަދި އެންމެ ވާދަވެރި މުބާރާތް ކަމަށްވާ އިންޓަ ސްކޫލް ލަވަ މުބާރާތް މިއަދު ފަށައިފިއެވެ.

އިންޓަ ސްކޫލް ލަވަ މުބާރާތަކީ ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އައިސްފައިވާ މުބާރާތެކެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުއެވެ.

މިއަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތް ބާއްވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އަދި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް މިއަހަރު އަލުން ފަށާފައިވާ އިރު، މިއަހަރުގެ މުބާރާތުގައި މާލެ އާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އަދި މި އަހަރުގެ މުބާރާތުގައި 267 ދަރިވަރުން ވާދަކުރާ އިރު، މުބާރާތް ކުރިއަށް ގެންދަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ހަ އަހަރުން ދަށް، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ތަކެވެ.

  • ކާނަލް އަލީ މަނިކު (ދާރި)
  • އާދަމް ނަސީރު އިބްރާހިމް
  • ޝިފާ ތައުފީގު
  • މުހައްމަދު އާމިރު (ފަރެސް)
  • މަރިޔަމް އުނޫޝާ
  • މުހައްމަދު ޝުހައިލް
  • ފާތިމަތު ފެޒްލީން

މި މުބާރާތުގައި ދަރިވަރުންގެ ހުށަހެޅުންތައް މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ޔެސް ޓީވީއިން ގެނެސްދޭނެއެވެ. އެގޮތުން ހަވީރު ދަންފަޅީގެ ހުށަހެޅުންތައް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު ދަންފަޅީގެ ހުށަހެޅުންތައް 8:00 އިން 11:30 އަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.