މި އަހަރުގެ އަމާޒަކީ ކުންފުނީގެ އާމްދަނީ ތިން ބިލިއަނަށް އިތުރުކޮށް، ސާފު ފައިދާ 300 މިލިއަން ރުފިޔާއަށް ގެންދިއުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީ އަހަރީ އާއްމު ޖަލްސާއަށް ފަހު މީޑިއާ އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިހާރު ވެސް އެ ކުންފުނިން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ލިބިފައިވާ ކަމަށެވެ. އަދި މިއަހަރު ކުންފުނީގެ އާމްދަނީ ތިން ބިލިއަނަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އާޒިމް ވިދާޅުވިިއެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރު، 2021 ގައި އާމްދަނީގެ ގޮތުގައި ލިބުނީ 1.97 ބިލިއަން ރުފިޔާއަށް ވުރެ 26 ޕަސެންޓް އިތުރު އަދަދެކެވެ.

ނަމަވެސް މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2021 ވަނަ އަހަރާ އަޅައި ބަލާއިރު 15.36 ޕަސެންޓް ދަށްވެފައެވެ. އެގޮތުން 2021 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 271.82 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ލިބުނީ 229.53 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

އޭގެ ސަބަބެއް ކަމަށް އެމްޓީސީސީން ބުނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަގު އުފުލުމާއި ތެލުގެ އަގު ބޮޑު ވުމާއި ބޭރު ފައިސާ ހޯދުމަށް ކުރަން ޖެހުނު ހަރަދު އިތުރުވުމެވެ.

އެމްޓީސީސީއަކީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީ ގިނަ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރެވެ. ބަނދަރު ހެދުމާއި ބިން ހިއްކުމާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބަލާއިރު އެއީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބިޔަ އަދި ވަރުގަދަ ކުންފުންޏެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ 65 ޕްރޮޖެކްޓެއް ފަށައި 42 ޕްރޮޖެކްޓް ނިންމައިފައެވެ. އަދި މި އަހަރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޓީސީސީން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

އެމްޓީސީސީން ވަނީ ވޭތުވެދިޔަ 42 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެ ކުންފުނި އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.